17 Dec 2018, 09:05
ހުޅުމާލެއިން ޕާކިން ޖާގަ ހުސްވެ، ގަރާޖު ހަދާފައި ނުވާ ތަންތަނަށް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުން ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.
އެޗްޑީސީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ފާއިތުވި ތިން މަސްތެރޭ ހުޅުމާލެއަށް އެތެރެކޮށްފައިވާ އުޅަނދުތަކުގެ އަދަދު އިތުރުވެފައިވާކަމަށެވެ. މިއާއެކު ހުޅުމާލޭގައި ގަރާޖުނެތް ތަންތަނަށްދޫކުރުމަށް ކަނޑައަޅާފައިވާ ޕާކިން ޖާގަ ހުސްވެފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ.
"ވީމާ ހުޅުމާލޭގައި އިތުރު ޕާކިން ސަރަހައްދުތަކެއް ކަނޑައަޅާ، ޕާކިން އުސޫލެއް އެކުލަވާލައި އާންމު ކުރެވެން ދެން، ގަރާޖު ހަދާފައިވާ ތަންތަން ފިޔަވާ އެހެން ތަންތަނަށް ވެހިކަލް ރަޖިސްޓްރީ ކުރުމަށް ދޫކުރާ ހުއްދަ ދޫކުރުން މަޑުޖައްސާލާފައިވާ ވާހަކަ ދެންނެވީމެވެ." އެޗްޑީސީގެ އިއުލާނުގައިވެއެވެ.
މި ހުއްދަ ދިނުން މަޑުޖައްސާލާފައިވަނީ އިއްޔެއިން ފެށިގެންނެވެ.
"ހުޅުމާލެއަށް އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލު" ގައި ބުނެފައިވަނީ އެ އަވަށަށް އުޅަނދުފަހަރު ގެންދިއުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އެ އުސޫލުގައި ބުނެފައިވަނީ އުޅަނދު އެތެރެކުރުމަށް ހުއްދަ ދެވޭނީ ކޮންމެ ފްލެޓެއްގެ އެޕާޓްމެންޓަކަށް އެއް އުޅަނދު، ގަރާޖު ނެތް އިމާރަތްތަކަށް އެއް އުޅަނދު، ގެސްޓްހައުސް، ވިޔަފާރި ޔުނިޓު ތަކަށް އެއް އުޅަނދު ކަމަށެވެ.