02 Oct 2011, 10:00
ދިވެހި އުފެއްދުންތައް ވިއްކުމަށް މަޝްހޫރު "ފަތަހަ ސުންބުލި" ފަޅާލައިފި އެވެ. ކުރިން އޯކިޑު މަގުގައި ހިންގަމުން އައިސް މިހާރު ފަރީދީ މަގަށް ބަދަލުކޮށްފައިވާ ބޮޑު ފިހާރައަށް ފަޅައިލައިގެން ވަގު ވަނީ ރޭގަ އެވެ.
ފިހާރައިގެ ވެރިފަރާތުގެ ދަރިފުޅު، އަބޫބަކުރު އަބްދުﷲ ބުނީ ފަހަތަ ސުންބުލި ފަޅާލައިގެން ވަގުން ވަދެފައިވާކަން އެގުނީ މިއަދު 8:30 ގައި ފިހާރަ ހުޅުވަން ދިއުމުން ކަމަށެވެ. އޭނާ ބުނީ ފިހާރަ ފަޅައިލި ނަމަވެސް ހަމައެކަނި ގެންގޮސްފައި ވަނީ ވަތްގަނޑުގައިހުރި 1841ރ. ކަމަށެވެ.
"ވަތްގަނޑުގައި ހުރި ފައިސާތައް ގެންގޮސްފައި ވަނީ. އެކަމަކު ވަތްގަޑުގައި އެހާ ގިނަ ފައިސާ ތަކެއް ނުބަހައްޓަން،" އޭނާ ބުންޏެވެ. "ފިހާރައިގައި އެހާ ބައިވަރު މުދާ ހުރި އިރު ވެސް އެހެން އެއްވެސް އެއްޗެއް ނުގެންދޭ،"
ފަތަހަ ސުން ބުލި ފަޅާލާފައި ވަނީ ފިހާރައަށް ވަންނަން ހުންނަ މައިދޮރުގެ ތަޅު ހަލާކު ކޮށްލައިގެނެވެ. ފައިސާތައް ގެންގޮސްފައި ވަނީ ވަތްގަނޑުގެ ތަޅު ހަލާކުކޮށްލައިގެނެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ފަތަހަ ސުންބުލި ފިހާރަ ފަޅާލައިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.