އަންނަ މަހުގެ ތިން ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ އަދި މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު ސްކްރީނުން ފެންނާނެ އެންމެ ފަހު ފިލްމު "ނިވައިރޯޅި" ގެ ޓިކެޓް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

ރޭ ޓީވީއެމް އިން ދެއްކި ފިލްމީ އުދަރެސް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ފިލްމުގެ ބަތަލާ ނިއުމާ ބުނީ، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް މެންދުރު ފަހު ދެއަކުން ފެށިގެން ރޭގަނޑު ނުވައެއް ޖަހަންދެން އޮލިމްޕަސް ޓިކެޓް ކައުންޓަރުން "ނިވައިރޯޅި"ގެ ޓިކެޓް ގަންނަން ލިބޭނެ ކަމަށެވެ.

"މީހުންނަށް ވެސް ފަސޭހަ ވާނެ ގަޑިތަކަކަށް ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށާނީ މި މަހުގެ 20 ގައި،" ނިއުމާ ބުންޏެވެ.

"ނިވައިރޯޅި" ގެ ތަފްސީލްތައް ދިނުމަށް ނިއުމާ އަދި މޫމިން ފިލްމީ އުދަރެސް ސެޓުގައި...ފޮޓޯ/ ނިވައިރޯޅި

ނިއުމާ ބުނީ، އެ ފިލްމުގެ ޝޯތައް މާލޭގެ އިތުރުން ހުޅުމާލޭ ޝްވެކް ސިނަމާގައި ވެސް ދެއްކުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މާލޭގައި ފިލްމު ޕްރިމިއަރ ކުރާ ދުވަހާ ޖެހިގެން އަންނަ ދުވަހުން ފެށިގެން ރަށް ރަށުގައި ވެސް ފިލްމު އަޅުވަން ފަށާނެ ކަމަށެވެ. މިހާރުވެސް ޖެނުއަރީ މަސް ނިމުމުގެ ކުރިން 30 ރަށެއްގައި ފިލްމު އަޅުވަން ތައްޔާރުވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

"އަތޮޅުތަކުންވެސް އަދި ރިސޯޓްތަކުން ވެސް ފިލްމު އަޅުވަން ބޭނުންވާނަމަ ފިލްމުގެ ރަސްމީ ފޭސްބުކް ޕޭޖަށް މެސެޖް ކޮށްލުމުން އަޅުގަނޑުމެން ރެސްޕޮންޑް ކުރާނަން،" ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުންވެސް ފެނިފައިވާ ނިއުމާ ބުންޏެވެ.

"ނިވައރޯޅި" އާ ބެހޭގޮތުން ވާހަކަ ދައްކަމުން ނިއުމާ ބުނީ އެ ފިލްމަކީ މީހުން ބަލައިގަންނާނެ ފިލްމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް "ނިވައިރޯޅި" ދައްކަން ބޭނުންވާ ކަމަށެވެ.

"ނިވައިރޯޅި" ގެ މަންޒަރެއްގައި ނިއުމާ އާއި ޔޫއްޕެ.... ފޮޓޯ/ ނިވައިރޯޅި

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށް ޑައިރެކްޓްކޮށްފައިވާ މޫމިން ފުއާދު ބުނީ، އެ ފިލްމު ވެގެންދާނީ ވަރަށް "ޔުނިކް" ފިލްމަކަށް ކަމަށެވެ. އަދި "ނިވައިރޯޅި"ގެ ސްކްރީންޕްލޭ ލިޔަމުން އައިއިރުވެސް ވަރަށް ގިނަ ކަންތައްތަކަށް ވިސްނައިގެން މަސައްކަތްކުރި ކަމަށް އޭނާ ފާހަގަކުރިއެވެ.

އިތުރަށް ވާހަކަ ދައްކަމުން މޫމިން ބުނީ، "ނިވައިރޯޅި" ބަލާފައި ނުކުންނާނީ މިހާރު މީހުން ނިއުމާ ކުރާ ސަޕޯޓަށް ވުރެއް ބޮޑު އަދި އިތުރު ސަޕޯޓެއް އޭނާއަށް ދެމުން ކަމަށެވެ. މޫމިން ބުނީ، ފިލްމުގެ ހުރިހާ މަސައްކަތެއްހެން ނިމިފައިވާ ކަމަށާއި ދެން އޮންނާ ފައިނަލް ޓަޗް ކޮށްލުން ކަމަށެވެ.

"ނިވައިރޯޅި" ގެ ޓީޒާ....

ބޮޑު ކާސްޓެއް ހިމަނައިގެން ރ. އިނގުރައިދޫގެ އިތުރުން އެ އަތޮޅު އުނގޫފާރު އަދި މާލޭގައި މަންޒަރުތައް ނަގާފައިވާ "ނިވައިރޯޅި" ގެ ޓީޒާ އެއް މީގެ ކުރިން ވަނީ ބެލުންތެރިންނަށް ދައްކައިލާފައެވެ. އަދި ފިލްމު ރިލީޒްކުރުމުގެ ކުރިން އިތުރު ޓްރެއިލާ އެއް ނުވަތަ ރަސްމީ ޓްރެއިލާ އާންމުކުރާނެ ކަމުގެ ވާހަކަ މޫމިން ވަނީ އެ ޕްރޮގްރާމްގައި އާންމުކޮށްފައެވެ.