16 Dec 2018, 22:42
ރާއްޖެ އޮތީ ވިޔަފާރިވެރިންނާއި އިންވްސްޓަރުންނަށް ހުޅުވާލެވިފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބައެއް ވިޔަފާރި ކުންފުނިތަކުގެ ވެރިންނާ ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ނަމުގައި ބޭއްވި ފޯރަމްގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
"ރާއްޖޭގައި ވިޔަފާރި ކުރުމަށް އަދި އިންވްސްޓް ކުރުމަށް ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ހުރަހެއް ނެތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް ގައުމުކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ވިޔަފާރީގެ ގޮތުން ރާއްޖެއާ އިންޑިއާ ދެމެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރީގެ ދާއިރާ ކުރިއަރާފައިވާ ކަމަށެވެ. އަދި އިންޑިއާއަކީ ވިޔަފާރީގައިވެސް އެހެން ގޮތް ގޮތުންވެސް ރާއްޖެއާ އެންމެ ގާތް ގައުމުކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އިންޑިއާގެ އޭވިއޭޝަން އެންޑް ކޮމާސް މިނިސްޓަރު ސުރެޝް ޕްރަބޫ ވިދާޅުވީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އެހީވާން އިންޑިއާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި ރާއްޖެއިން އިސްކަންދޭ ދާއިރާތައް އިންޑިއާއާ އެކު ހިއްސާ ކުރުމަށް ޕްރަބޫ އެދިލެއްވި އެވެ.
ރައީސް ސޯލިހު އިންޑިއާއަށް ކުރައްމުން ގެންދަވާ ދަތުރުފުޅުގައި މާދަމާ އެ ގައުމުގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖެއާ އިންޑިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.