16 Dec 2018, 21:46
ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ މުހިންމު ވަސީލަތަކީ ބައިނަލްއަގުވާމީ މުޖްތަމައާ ގުޅުން ބަދަހިކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް ސޯލިހު މިއަދު ވަނީ އިންޑިއާގައި ދިރުއުޅުއްވާ ދިވެހިންނާ ބައްދަލުކުރައްވައިފަ އެވެ. ދިވެހިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބައިނަލްއަގްވާމީ ދުނިޔެއާއި ގުޅުން ކެނޑިދާ ފަދަ ކަމެއް މިސަރުކާރުން ނުކުރާނެ ކަމަށެވެ.
"އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އިންޑިއާއާ އެކު ބަދަހި ގުޅުމެއް އޮތުމުގެ މުހިންމު." ރައީސް ސޯލިހު ވިދާޅުވި އެވެ.
އިންޑިއާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުން އިސްކަން ދޭންވީ ކަންކަމަށް އިޝާރާތްކުރައްވައި ރައީސް ސޯލިހު ވަނީ މިއަދު ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ބޭރު ގައުމުތަކުގައި އުޅޭއިރު ވެސް މުސްލިމުންކަން އަބަދު ވެސް ހަނދާންކުރުމަށް ރައީސް ސޯލިހު ނަސޭހަތްތެރިވި އެވެ.
އަދި ދީނީ ވާޖިބުތަކަށް ސަމާލުކަން ދެއްވުމަށް ރައީސް ސޯލިހު އިލްތިމާސް ކުރެއްވި އެވެ.
"އަގީދާ ބަލިކަށިވެދާނެ ފަދަ އެއްވެސް ކަމަކަށް ފުރުސަތު ދެއްވައިގެން ނުވާނެ. ބޭރު ގައުމެއްގައި އުޅުނަސް ކޮންމެ ދިވެއްސަކީ އަނެއް ދިވެހި މީހާގެ އެއްބަނޑު އެއްބަފާ އަހެއްކަން ހަނދާނުގައި ބަހައްޓަވަންވާނެ." ރައީސް ސޯލިހު ވިދާޅުވި އެވެ.
ދިވެހިންނަށް އިންޑިއާ ވިސާ ފަސޭހައިން ލިބޭނެ

އިންޑިއާގައި ދިރިއުޅުއްވާ ބައެއް ދިވެހިނާ ރައީސް ސޯލިހު ބައްދަލު ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް
ރައީސް ސޯލިހު ވިދާޅުވީ އިންޑިއާގައި ދިރިއުޅުއްވާ ދިވެހިންނަށް ވިސާ ހޯދުމުގައި ލުއިފަސޭހަކަން ހޯދައިދިނުމަށް އިންޑިއާ އެކު އެއްބަސްވުމެއްގައި މިފަހަރު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުގެ މިދަތުރުގައި، އިންޑިއާއާ އެކު ސޮއިކުރާ ވިސާގެ އެއްބަސްވުމުގެ ދަށުން ބޭސްފަރުވާއާއި ޓޫރިޒަމާއި ވިޔަފާރިއާ ގުޅޭ ކަންކަމަށް، ކޮންމެ ހަ މަހަކުން 90 ދުވަހުގެ ވިސާ ލިބޭނެ. ޓޫރިސްޓު ވިސާގައި އެތެރެވުމަށް ފަހު ވެސް، ޞިއްޙީ ކުއްލި ޙާލަތެއް މެދުވެރިވެއްޖެ ނަމަ، އެމީހަކަށާއި އެހީތެރިންނަށް ވެސް މެޑިކަލް ވިސާ ހަމަޖެހޭނެ." ރައީސް ސޯލިހު ވިދާޅުވި އެވެ.
ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ސަރުކާރުން 100 ދުވަހު ތެރޭގައި ތައާރަފު ކުރުމަށް ވަނީ ވައުދުވެފަ އެވެ. އެކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިހާރު ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށް ލުއިފަސޭހަ ގޮތަކަށް ލޯނު އަނބުރާ ދެއްކޭނެ އިންތިޒާމު ހަމަ ޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.