ބޮލީވުޑްގެ ކާމިޔާބު ފިލްމު ސިލްސިލާ "ބާގީ" ގެ ތިން ވަނަ ފިލްމުން އަރަމުން އަންނަ ތަރި ސާރާ އަލީ ހާން ފެނިދާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓް ތަކުން ބުނެފިއެވެ.

ހަބަރުތައް ލިބޭ ގޮތުގައި ސާރާ މިހާރު ވަނީ "ބާގީ 3" ގެ ސްކްރިޕްޓް ވެސް ކިޔާފައެވެ. އަދި އެ ސްކްރިޕްޓްތަކާ އޭނާ ވަރަށް ހިތް ހަމަޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.

މީޑިއާގައި އެކަހަލަ އަޑުތަކެއް ފެތުރުނު ނަމަވެސް ސާރާ އެ ފިލްމު ކުޅެން އަދި އެއްބަހެއް ނުވެއެވެ. އަދި ފިލްމާ ބެހޭ އެއްވެސް ވާހަކެއް މިހާތަނަށް އައިއިރު އޭނާ ނުދައްކައެވެ.

"ބާގީ 3" ގައި ލީޑު ބަތަލެއްގެ ރޯލުން ފެންނާނީ ޓައިގާ ޝްރޮފެވެ. އޭނާ ވަނީ "ބާގީ" އަދި "ބާގީ 2" ގައިވެސް ލީޑު ރޯލު ކުޅެފައެވެ.

ފިލްމުގެ މާ ބޮޑު ތަފްސީލެއް މީޑިއާތަކަށް ހިއްސާކޮށްފައި ނުވާއިރު ފިލްމުގެ ޝޫޓިން ފަށާނެ ތާރީހެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ފިލްމު ބެލުންތެރިންނާ ހަމަޔަށް އަންނާނެ ދުވަހެއް ވެސް އިއުލާނެއް ނުކުރެއެވެ.

ސާރާ އެންމެ ފަހުން ފެނުނީ ފިލްމު "ކެދާނަތު" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 28 ގައި ރިލީޒްކުރާ "ސިމްބާ" އިންނެވެ.