ހދ. ނޮޅިވަރަމްގެ ރައްޔިޔުންގެ ތެރެއިން ބަޔަކު ނުކުމެ ރަށު ކައުންސިލްގެ އިދާރާ ބަންދުކޮށް އެ އިދާރާގެ ކުރިމަތީގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.

ނޮޅިވަރަމް ކައުންސިލުގެ ރައީސް މުހައްމަދު ޒިޔާދު މިއަދު ވިދާޅުވީ ރަށުގެ ބަޔަކު ނުކުމެ ކައުންސިލު އިދާރާގެ މައި ދޮރުމަތީގައި އެތުރި، ދޮރު ބަންދުކޮށްފައިވާ ކަމަށާއި އެމީހުން މުޒާހަރާ ކުރަމުންދާތީ ހެނދުނުއްސުރެ އިދާރާ ހުޅުވޭ ގޮތް ނުވެފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް 50 އެއްހާ މީހުން އިދާރާގެ ދޮރު ކުރިމަތީގައި ބޯޑުތައް ހިފައިގެން މުޒާހަރާ ކުރަމުން އެބަގެންދޭ،" ޒިޔާދު ވިދާޅުވި އެވެ. "މުޒާހަރާކުރަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަޅުގަނޑަކަށް ނޭނގޭ،"

ޒިޔާދު އެހެން ވިދާޅުވި ނަމަވެސް ސަންއަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ އަންހެނުން، ނުރުހުމުގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ނުކުމެ ކައުންސިލު އިދާރާގެ ދޮރުމަތީގައި ތިބެގެން މުޒާހަރާ ކުރަނީ ރަށުން ގޯތި ދޫކޮށްފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެނެވެ. މުޒާހަރާ ކުރާ މީހުން ހިފައިގެން ތިބި ބޯޑުތަކުގައި "ނޮޅިވަރަމްގެ މުސްތަގުބަލަށް ބަލައި ސިނާއީ ސަރަހައްދު ހިމާޔަތްކޮށްދީ" މިފަދަ އިބާރާތްތައް ވެސް ލިޔެފައިވެއެވެ.


ނޮޅިވަރަމުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މުޒާހަރާ ކުރަނީ ރަށުގެ ލޭންޑް ޔޫސްޕްލޭނާ ހިލާފަށް ގޯތި ދޫކޮށްފައިވާ ކަމަށް ބުނެއެވެ. އަދި ބައެއް މީހުން ބުނީ މުޒާހަރާ ކުރާ މީހުންނާ ކައުންސިލުން މިއަދު ބައްދަލު ވެސް ކޮށްފައިވާ ކަމަށެވެ.

ނޮޅިވަރަމުން ދޫކޮށްފައިވާ 173 ގޯތީގެ މައްސަލާގައި އެ ރަށުގެ މީހުން ވަނީ މީގެ ކުރިން ވެސް ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލަ ބެލުމަށް އެރަށަށްދިޔަ ގައުމީ އިދާރާގެ ވަފުދެއް ރަށުން ފުރިޔަ ނުދީ ހިފަހައްޓައިފަ އެވެ. އޭގެ ކުރިން މިދިއަ ޖުލައި މަހުގައި ވެސް ގޯތީގެ މައްސަލައިގައި ނޮޅިވަރަމް މީހުން މުޒާހަރަ ކުރި އެވެ.