14:30


ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މެދުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި 100 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.


މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ މިއަލިފާނުގެ ހާދިސާ ހިނގާފައިވަނީ ވެރިރަށް ޑާކާގެ މެދުތެރޭގައި ހުރި އިމާރާތްތަކެއްގައި ކަމަށާއި ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި މި ހާދިސާގެ ސަބަބުން ޒަހަމްވި މީހުންގެ އަދަދު ވެސް މަދުވެގެން 100 އަށް އަރާނެ ކަމަށެވެ.


މި ހާދިސާގައި މަރުވި މީހުން ހޯދުމުގެ މަސައްކަތް ރެސްކިއުޓީމްތަކުން މިހާރުވެސް ކުރަމުން އަންނަ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ޑާކާގެ ފަޔާ ޑިޕާޓްމަންޓްގެ އޮފިޝަލުން ބުނެ އެވެ.


ފަޔަރ ޑިޕާޓްމަންޓްގެ ޗީފް އަބޫ ނައީމާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށާއި އެސަރަހައްދަށް ފަޔަރ ޓީމްތަކަށް ނުވަދެވި އުޅެނިކޮށް ރޯވި އެ އަލިފާންގަނޑު ވަރަށް އަވަހަށް ފެތުރިގެން ގޮސްފައިވާ ކަމަށެވެ.


މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ ރޯވެފައިވާ އިމާރާތްތަކުގެ ތެރެއިން އިމާރާތެއްގެ އެންމެ މަތީބުރީގައި އޮތް ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވަމުންދިޔަ މީހުން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.


މިހާދިސާގައި ހަތް އިމާރާތެއްގައި ރޯވި ކަމަށާއި އަދި އެއިމާރާތްތަކުގެ ތިރީގައި ކެމިކަލް ވިއްކާ ބައެއް ފިހާރަތައް ހުރުން ވެގެންދިޔައީ އަލިފާންގަނޑު ކޮންޓްރޯލްނުކުރެވޭހާ ބޮޑަށް ރޯވާންދިމާވި ސަބަބެއް ކަމަށްވެސް ވެސް އަބޫ ނައީމް ބުނެ އެވެ.