އާއިލީ ގުޅުމާއި ރަހުމަތްތެރިކަމުގެ ގުޅުންތައް ހެޔޮގޮތުގައި ބަދަހިކޮށް، ދެމެހެއްޓުމާ ބެހޭ ވޯކްޝޮޕެއް ރީޖަނަލް އެލަޔަންފް ފޯރ ފޮސްޓަރިންގް ޔޫތު (ރަފީ)އާއި ފެމިލީ ޕްރޮޓެކްޝަން އޭޖެންސީން ބާއްވައިފިއެވެ.

ރަފީ ޖަމިއްޔާއިން ބުނީ އިއްޔެ ކުރިއަށް ދިޔަ "ހެލްތީ ރިލޭޝަންޝިޕްސް" ވޯކްޝޮޕްގައި ބައިވެރިވީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން ކަމަށެވެ. އަދި ވޯކްޝޮޕް ހިންގީ އެފްޕީއޭއިން ކަމަށެވެ.

ރަފީ ޖަމިއްޔާއިން ބުނީ ވޯކްޝޮޕުގައި އަމާޒުކުރީ އާއިލީ ގުޅުމާއި ރަހުމަތްތެރިންގެ މެދުގައާއި އެހެނިހެން ގުޅުންތައް ހެޔޮގޮތުގައި ދަމަހައްޓާނެ ގޮތްތަކާ ބެހޭގޮތުން ކަމަށެވެ.

އެގޮތުން މި ވޯކްޝޮޕުގައި މަޝްވަރާކުރެވި، ހިޔާލު ހޯދި މައުޟޫއުތަކުގެ ތެރޭގައި ހެޔޮގޮތުގައި މުއާމަލާތްކުރާނެ ގޮތްތަކާއި، އިހުތިރާމު އަދަކުރުމާއި ލިބިގަތުމާއި، އިތުބާރުކުރުމާއި ރުހުން ހޮދުމުގެ މުހިންމުކަމާއި، އަންހެލްތީ ރިލޭޝަންޝިޕްސް ދެނެގަންނާނެ ގޮތްތަކާއި އަދި ޓެކްނޮލޮޖީ މެދުވެރިކޮށް މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމާއި އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ހިމެނެއެވެ.

ރަފީ އެންޖީއޯގެ އެކްސްކޯ މެމްބަރު ސަމާ އިބްރާހިމް ދީދީ ވިދާޅުވީ ވޯކްޝޮޕުގެ މަގްސަދަކީ މަގުސަދަކީ ޒުވާނުންގެ މެދުގައި ހެލްތީ ރިލޭޝަންޝިޕްސްއާއި މެދު ހޭލުންތެރިކަން އިތުރުކޮށް، މުޖްތަމައުގައި ހިނގާ ނޭދެވޭ ކަންކަމުން ސަލާމަތްވެފައިވާ އަދި މިފަދަ ކަންކަން ހުއްޓުވުމަށް ބާރުދޭ ހަރުދަނާ ޒުވާނުންތަކެއް އުފެއްދުން ކަމަށެވެ.