މާލޭގައި އިމާރާތްކުރުމުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް ރިވިއުކޮށް، އަދި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސައިޓުތައް އިންސްޕެކްޓުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަމުރުކުރައްވައިފިއެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރެއްވި އިރު، މިއަދު ހެނދުނު މާލޭގައި އިމާރާތްކުރަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ކުޑަކުއްޖެއްގެ ބޮލަށް ވެއްޓި، ނުރައްކާތެރި ހާދިސާއެއް ވަނީ ހިނގައިފައެވެ.

މ. ނަލަހިޔާމަންޒިލް ގޭގެ މަތީގައި އިމާރާތްކުރަމުން ދަނިކޮށް، އެ އިމާރާތުގެ ހަވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ ވެއްޓި ހިނގި ހާދިސާގައި އަނިޔާވީ މާލެއަށް ޗުއްޓީއަށް އައިސް އުޅުނު އުމުރުން ނުވަ އަހަރުގެ، ބަންގްލަދޭޝަށް ނިސްބަތްވާ އަންހެންކުއްޖެކެވެ.

އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމާރާތްކުރުމުގެ ސަލާމަތީ ކަންކަން އަލުން ރިވިއުކުރުމަށާއި މާލޭގެ ހުރިހާ ކޮންސްޓްރަކްޝަން ސައިޓުތައް އިންސްޕެކްޓުކުރުމުގެ މަސައްކަތް ވަގުތުން ވަގުތަށް ފެށުމަށް އަމުރުކުރެއްވީ މަސައްކަތްތެރީންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށްޓަކައި ކަމަށެވެ.

މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވީ ހާދިސާގައި އަނިޔާވި އަންހެން ކުއްޖާގެ ކޮނޑުހުޅާއި ދެފަޔަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.

އެކުއްޖާގެ ސާޖަރީތަކެއް އައިޖީއެމްއެޗުގައި އެމަޖެންސީކޮށް މިހާރު ދަނީ ކުރެވެމުންނެވެ.

މި ހާދިސާ ހިނގާފައިވާ އިރު، މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ މާލޭގައި އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ. އަދި މިހާރު ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތައްވެސް ހުއްޓުވާފައެވެ.

އިމާރާތްކުރުމުގެ ދާއިރާގެ ކުންފުނިތައް އެކުލެވޭ ޖަމިއްޔާ މޯލްޑިވްސް ނޭޝަނަލް އެސޯއިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހިނގި ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިމާރާތްކުރުމުގެ ސައިޓުތަކުގައި އެކަށީގެންވާ ގޮތުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅޭކަން ފާހަގަކުރަމުން މަސީއިން ބުނީ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މަސީން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހަނދާންކޮށްދީފައެވެ.