މާލޭގެ ބައެއް ކޮންސްޓްރަކްޝަން ސައިޓުތަކުގައި އެންމެ އެކަށީގެންވާ ވަރަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުހުންނަކަން ފާހަގަ ކުރެވޭ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފި އެވެ.

މާފަންނުގައި ހުންނަ ގެެއެއްގެ މަތިން މިއަދު ސިމެންތި ބަސްތާއެއް ވެއްޓި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު ހާދިސާއާ ގުޅިގެން ނެރުނު ސާކިއުލާއެއްގައި އެ އެސޯސިއޭޝަނުން ބުނީ މިއަދު ހިނގި ހާދިސާއާ ގުޅިގެން ކަންބޮޑުވެ، ހިތާމަފާޅު ކުރާ ކަމަށެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ ފަހަކަށް އައިސް މާލޭގައި އިމާރާތް ކުރަމުންދާ އިރު ނުރައްކާތެރި ހާދިސާތައް ހިނގަމުންދާކަން ރެކޯޑު ކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ސައިޓުތަކުގައި އެންމެ އެކަށީގެންވާ ވަރަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުހުންނަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަދި އިމާރާތް ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މަސައްކަތް ކުރާ މީހުންނާއި އަވަށްޓެރިންނަށް ގެއްލުން ނުވާނޭ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ އެސޯސިއޭޝަަނުން ވަނީ އެދިފަ އެވެ.

"މަސީ އިން މި ގެންދަނީ ތަކުރާރުކޮށް މެމްބަރުންނަށް މިކަން ހަނދާންކޮށްދީ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މަސީން ނެރެފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް އަންގަމުންނެވެ." އެ އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ބަސްތާ ވެއްޓުނު މ. ނަލަހިޔާ މަންޒިލުގައި މަސައްކަތް ކުރަމުން ދަނީ ޑަބްލިއު ކޮންސްޓްރަކްޝަން އިންނެވެ. މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު "ސަން" ވިދާޅުވެފައި ވަނީ، އެ ކުންފުންނަށް އެތަނުގައި މަސައްކަތް ކުރުމުގެ ހުއްދަ ކަމާ ބެހޭ ފަރާތްތަކުން ދީފައިވާ ކަމަށެވެ. ނަމަވެސް، އެ ކުންފުނިން އެ މަސައްކަތް ކުރި އިރު އެ ސަރަހައްދު ހުރީ ބަންދު ނުކޮށް ކަމަށާއި އެއީ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިމާރާތުގެ މަތިން ބަސްތާ ވެއްޓުނީ، އެ އިމާރާތުގެ ހަ ވަނަ ބުރިއަށް ބަސްތާ އަރުވަން އުޅުމުގެ ތެރޭގައި ފަސް ވަނަ ބުރީގައި ޖެހި، ބަސްތާ ފަޅައިގެންގޮސް، އައްސާފައި އޮތް ވާގަނޑު ނެއްޓިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

އެ ހާދިސާގައި އަނިޔާވި ކުއްޖާގެ ކޮނޑަށާއި ފަޔަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އަދި ހަށިގަނޑުގެ ތެރެއަށް ވަނީ ލޭ އެޅިފަ އެވެ. ކުއްޖާ އަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.