16 Dec 2018, 15:45
ތިމާވެށީގެ ގޮތުން ހުރި މައްސަލަތަކުގެ މަޝްވާރަ ކުރައްވާ ނިންމުންތައް ނިންމާ ސަމިޓް، ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް)ގެ 24 ވަނަ ސަމިޓަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިއަދު މަލެ ވަޑައިގެންފިއެވެ.
ޕޮލެންޑްގައި ބާއްވި މި ކޮންފަރެންސަށް ރާއްޖެ ތަމްސީލުކުރެއްވުމަށް، ރައީސް ނަޝީދު ފުރާވަޑައިގަތީ މިމަހު ފަސް ވަނަ ދުވަހު އެވެ.
ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ "ގައުމީ ސަލާމަތާ ގުޅުން ހުރި" މައްސަލައެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިން ތިބީ މަރުވާން ތައްޔާރަށް ނޫން ކަމަށެވެ.
އަދި ފެންމަތީގައި ތިބުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ދިވެހީން ކުރާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައިއެވެ.
ދެ ހަފްތާއަށް ދެމިގެންދިޔަ މިބައްދަލުވުމުގައި 196 ގައުމަކުން ބައިވެރިވި އެވެ. އެގައުމުތަކުން ވަނީ ޕެރިސް މުއާހަދާގެ މަގުސަދު ފުރިހަމަ ކުރުމަށްޓަކައި، ގައުމުތަކުން ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭސް މަދު ކުރާ މިންވަރު މޮނިޓާ ކުރުމާއި ފަގީރު ގައުމުތަކަށް ދޭނެ ލުއިތައް ފަދަ ގަވާއިދުތައް ހިމެނޭ އޮނިގަނޑެއް އެކުލަވާލާފަ އެވެ.
ޕެރިސް މުއާހަދާގެ މަގުސަދަކީ ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން، ސިނާއީ އިންގިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން)ގެ ކުރިން ހުރި މިންވަރާ އަޅައިބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަތުމަށް ފަހ،ު މިއަދު އިންޑިއާއަށް ފުރާވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ބައްދަލުކުރައްވާފައެވެ.