ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މެންދުރު އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދާ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ އިސް ވަފުދެއްވެސް ބައިވެރިވެއެވެ.

އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ، ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހއްމަދު އަސްލަމް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހިމެނިވަޑައިގަންނަވައެވެ.

ރައީސް ސޯލިހަށް ނިއުދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިންޑިއާގެ ޚާރިޖިއްޔާގެ އިސްވެރިންނެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދާއި ބޮޑުވަޒީރު ނަރެންދްރާ މޯދީއާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހުގެ ދެކަނބަލުން އިންޑިއާގައި ތިއްބަވާނީ އެގައުމުގެ ރިޔާސީ ގަނޑުވަރު ރަޝްތުރަޕަތީ ބަވަންގައެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދަވާ މި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް ސޯލިހު، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

މިއަދު އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް ސޯލިހު މީޑިއާއާ ވާހަކަދައްކަވައި ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީއަށް އަބަދުވެސް އެހީތެރިވެދޭ ގައުމެއް ކަމަށާއި އިންޑިއާގެ އެހީތެރިކަމަށް އަބަދުވެސް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި އިންޑިއާއާއެކު ވިސާ ލުއި ފަސޭހަކުރުމުގެ އެއްބަސްވުމެއްގައި ވެސް އެމަނިކުފާނު ސޮއި ކުރައްވާނެއެވެ. އަދި އޭގެ އިތުރުންވެސް މުހިންމު އެއްބަސްވުންތަކުގައި އެމަނިކުފާނު ސޮއި ކުރައްވާނެއެވެ.

"ދެގައުމުގެ ދެމެދުގައި ދެމެދުގައި އެއްބާރުލުން ގާއިމްކުރަން ހަމަޖެހިފައިވާ ކަންކަމާ ގުޅޭ ގޮތުން ދެ ގައުމުން އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައި. އޭގެ ތެރެއިން ވެސް އެންމެ މުހިންމު އެއްބަސްވުމަކީ ވިސާގެ ލުއިފަސޭހަތަކާ ގުޅޭ ގޮތުން ސޮއިކުރާ އެއްބަސްވުން،"

އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމަށްޓަކައިވެސް އިންޑިއާގެ ސަރުކާރާ ވާހަކަ ދެކެވޭނެ ކަމަށެވެ.