މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ސިމެންތި ބަސްތާއެއް ވެއްޓި އަނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާގެ ދެ ފަޔާއި ކޮނޑު ހުޅަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެ ކުއްޖާގެ ހާލަތު ބެއްލެވުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)އަށް ވަޑައިގެން ހުންނެވި ޝިފާ "ސަން" އަށް ވިދާޅުވީ، ކުއްޖާގެ ކޮނޑު ހުޅު ނެއްޓިފައިވާ ކަމަށާއި އެ ކުއްޖާގެ ދެ ފައިޔަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހަށިގަނޑުގެ ތެރެއަށް ލޭ އެޅިފައިވާ ކަމަށާއި، ނޭވާލުމުގައި ވެސް ދަތިތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ، އެ ކުއްޖާ އަށް ބީ ޕޮޒިޓިވް ލޭ ބޭނުންވާ ކަމަށެވެ. އަދި އެ ކަމަށް އާންމުންގެ އެހީއަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މ. ނަލަހިޔާ މަންޒިލް މަތިން ސިމެންތި ބަސްތާ ވެއްޓުނީ، އެ އިމާރާތުގެ ހަވަނަ ބުރިއަށް ބަސްތާ އަރުވަން އުޅުމުގެ ތެރޭގައި ފަސް ވަނަ ބުރީގައި ޖެހި، ބަސްތާ ފަޅައިގެންގޮސް، އައްސާފައި އޮތް ވާގަނޑު ނެއްޓިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ބަސްތާ ވެއްޓުނު މނ ނަލަހިޔާ މަންޒިލް: އެ އިމާރާތުގެ މަތީ ފަންގިފިލާތަކުގައި ދަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން-- ސަން ފޮޓޯ: އިބްރާހިމް މާހިލް މުހައްމަދު

އެ އިމާރާތުގައި މަސައްކަތް ކުރަމުން ދަނީ ޑަބްލިއު ކޮންސްޓްރަކްޝަން އިންނެވެ. ޝިފާ ވިދާޅުވީ، އެ ކުންފުންނަށް އެތަނުގައި މަސައްކަތް ކުރުމުގެ ހުއްދަ ކަމާ ބެހޭ ފަރާތްތަކުން ދީފައިވާ ކަމަށެވެ. ނަމަވެސް، އެ ކުންފުނިން އެ މަސައްކަތް ކުރި އިރު އެ ސަރަހައްދު ހުރީ ބަންދު ނުކޮށް ކަމަށާއި އެއީ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މޭޔަރު ޝިފާ އިތުރަށް ވިދާޅުވީ، އެ ހާދިސާ ހިނގާފައި މިވަނީ، އެފަދަ ހާދިސާތައް މާލޭގައި ގިނަ ކަމުން، އެ ކަމާ ގުޅޭ ގޮތުން ކުންފުނިތަކާ މަޝްވަރާ ކުރަން މާދަމާ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނިކޮށް ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ކުއްޖާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އެ ކުއްޖާގެ ހަށިގަނޑުގެ ބައެއް ތަންތަނުގެ ސާޖަރީ މިހާރު ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ ފުޓޭޖެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާއިރު، ފެންނަނީ ސިމެންތި ބަސްތާ އެކުއްޖާގެ ބޯމައްޗަށް ވެއްޓޭ މަންޒަރެވެ.

ކުޑަކުއްޖާ ސިމެންތި ބަސްތާ ދަށުވެފައި އޮތްކަން އެންމެ ފުރަތަމަ ފެނުނީ އެ ސަރަހައްދުގައި އުޅުނު ކޮންސްޓްރަކްޝަން ވޯކަރަކަށް ކަމަށް ވީޑިއޯއިން ފެނެއެވެ. އަދި އެސަރަހައްދުން ދިޔަ ދިވެހީންތަކެއް ވަނީ އެ ކުއްޖާ ކޮނޑަށް އަރުވައިގެން ގެންގޮސްފައެވެ.