ޓްރިޕޮލީ (އޮކްޓޯބަރ 2) : ލީބިޔާގައި އެކުލަވާލުމަށް ހަމަޖެހިފައިވާ ވަގުތީ ސަރުކާރުގެ މަސައްކަތް ފަސްކޮށްފިކަމަށާއި ވަގުތީ ސަރުކާރެއް އެކުލަވާލެވޭނީ ޤައްޒާފީއަށް ވަފާތެރި ސިފައިންގެ އަތްދަށުގައި މިހާރުއޮތް ސަރަޙައްދުތައްވެސް "މިނިވަން" ކުރެވުމަށްފަހުގައި ކަމަށް އެޤައުމުގައި ވެރިކަންކުރާ އިންތިޤާލީ މަޖިލީހުން ބުނެފިއެވެ.

އިންތިޤާލީ މަޖިލީހުގެ ތަންފީޒީ އޮފީހުގެ ވެރިޔާ މަހްމޫދް ޖިބްރީލް ވިދާޅުވީ ލީބިޔާގެ ހުރިހާ ރަށްތަކަކުން ގައްޒާފީއަށް ވަފާތެރި ބާރުތައް ބޭރުކޮށްލެވި އެރައްތަކުގައި އިންތިޤާލީ މަޖިލީހުގެ ބާރުތައް ފެތުރުމަށްފަހުގައި ނޫނީ ވަގުތީ ސަރުކާރެއް އެކުލަވާނުލުމަށް އިންތިޤާލީ މަޖިލީހުގެ އިއްތިފާޤުން މިހާރު ނިންމާފައިވާ ކަމުގައެވެ. އަދި ރައްތައް މިނިވަން ކުރުމަށްފަހު އަލަށް އެކުލަވާލާ ވަގުތީ ސަރުކާރުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށްވެސް ވަގުތީ ބޮޑުވަޒީރެއްގެ ޙައިޘިއްޔަތުން އިންތިޤާލީ މަޖިލީހުގައި މިހާރު މަސައްކަތްކުރައްވާ ޑޮކްޓަރ ޖިބްރީލް ވިދާޅުވިއެވެ.

ގައްޒާފީގެ ސަރުކާރު ވައްޓާލި ލީބިޔާގެ ހަނގުރާމަވެރިންގެ ގިނަ ޖަމާއަތްތަކަކުން ގެންދަނީ ޖިބްރީލާ ދެކޮޅަށް އަޑުއުފުލައި އަލަށް އެކުލަވާލުމަށް ހަމަޖެހިފައިވާ ވަގުތީ ސަރުކާރުގައި އޭނާ ނުހުމެނުމަށް ގޮވާލަމުންނެވެ. މަޙްމޫދް ޖިބްރީލަކީ ހުޅަނގުގެ ޤައުމުތަކާ ގުޅިފައިވާ ލާދީނީ ޚިޔާލުގެ ބޭފުޅެއް ކަމަށްވެސް ހަނގުރާމަވެރިންގެ ބާރުގަދަ ޖަމާއަތްތަކުން ސިފަކުރެއެވެ. އަލަށް އެކުލަވާލާ ސަރުކާރުގައި ޖިބްރީލް ހިމަނައިފިނަމަ މައްސަލަ ވަރަށް ގޯސްވާނެ ކަމުގެ އިންޒާރުވެސް އެޖަމާއަތްތަކުގެ ކޮމާންޑަރުންވަނީ ދެއްވާފައެވެ. މީގެއިތުރުން ހުޅަނގަށް ތާއީދުކުރާ ލާދީނީ ޚިޔާލުގެ މަދުބައެއްގެ އަތްމައްޗަށް ލީބިޔާގެ މުސްތަޤްބަލް ދިޔަ ނުދެއްވާނެ ކަމަށްވެސް ހަނގުރާމަވެރިންގެ ކޮމާންޑަރުން ބުނެއެވެ.

މިފިއްތުންތަކާ ގުޅިގެން ޖިބްރީލްގެ ސިޔާސީ މުސްތަޤްބަލްވަނީ ސުވާލުމާކެއްގެ ތެރޭގައި ކަމަށް ލީބިޔާގައި ތިއްބަވާ ބޭރުގެ މުރާސިލުން ބުނެއެވެ. -- އަލްޖަޒީރާ