ސިޔާސީ ޕާޓީތަކަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާތަކުގެ ތެރެއިން، އިދިކޮޅު ޕީޕީއެމްގެ ހިފަހެއްޓިފައިވާ ފައިސާތައް ދިނުމާމެދު މަޝްވަރާ ކުރަމުންދާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިދިޔަ މަހު އެއް ވަނަ ދުވަހު އީސީ އިން ވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ، ޕީޕީއެމް ފިޔަވާ އެހެން ހުރިހާ ޕާޓީތަކަކަށް ދީ ފައެވެ.

ފައިސާތައް ހިފަހެއްޓިފައިވަނީ ސިވިލް ކޯޓަށް ހުށަހެޅި އެ ޕާޓީގެ މިލްކިއްޔާތުގެ މައްސަލައާއި ކޮންގްރެސްގެ މައްސަލަ ހައިކޯޓްގައި ކޯޓުގައި ހިނގަމުން ދާތީ ކަމަށް އޭރު އިސީ އިން ވަނީ ބުނެފައެވެ.

ނަމަވެސް އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު އަދި އެ ކޮމިޝަންގެ މެމްބަރު، އަހްމަދު އަކްރަމް "ސަން" އަށް މިއަދު ވިދާޅުވީ، ކޮންގްރެސްއާ މެދު މިހާރު ކޯޓުން ގޮތެއް ނިންމާފައިވާ ކަމަށާއި އެގޮތުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ޕީޕީއެމްގެ ހިފަހެއްޓިފައިވާ ފައިސާތައް ދިނުމާ މެދު އެކޮމިޝަނުން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"މިލްކިއްޔާތުގެ މައްސަލަ އަދިވެސް ހިންގަމުން، ނަމަވެސް ކޮންގްރެސްގެ މައްސަލައާ މެދު ހައިކޯޓުން މިހާރު ވަނީ ގޮތެއް ނިންމާފަ. އެހެންކަމުން ކޮމިޝަން އިން މިހާރު މަޝްވަރާ ކުރެވެމުން މިދަނީ [ހިފަހެއްޓިފައިވާ ޕީޕީއެމްގެ ފައިސާ] ދޫކޮށްލާނެތޯ،" އީސީގެ ތަރުޖަމާނު އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، (ކ) ތަރުޖަމާނު އަދި ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް، (ވ) ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެނާ ވިދާޅުވީ ވަރަށް އަވަހަށް އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށާއި ނަމަވެސް އެ ނިންމުން ނިމިގެން ދާނީ ކިހާ ދުވަހެއްގެ ތެރޭގައި ކަމެއް އަކްރަމް ވިދާޅެއް ނުވެއެވެ.

ޕީޕީއެމް ކުރީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕީޕީއެމްގެ ހިންގުން ހަވާލުކުރުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނަގައި، މިހާރު އެމައްސަލަ ބަލަމުންދަނީ ސްޕުރީމް ކޯޓުންނެވެ.

އަދި މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ޕީޕީއެމް އިން ބޭއްވި އެޕާޓީގެ ކޮންގްރެސް ބަލައިނުގަންނަން އީސީ އިން ނިންމި ނިންމުން ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ވަނީ މިދިޔަ މަހު 23 ވަނަ ދުވަހު ހުކުމް ކޮށްފައެވެ.

އަދި މިހާރު އީސީ އިން ވާނީ ސްޕުރީމް ކޯޓުގައި އެ ހުކުމް އިސްތިއުނާފަށް ހުށަހަޅާފައެވެ.

މެމްބަރުންގެ އަދަދަށް ބަލާ ސިޔާސީ ޕާޓީތަކުގެ އިލެކްޝަން ކޮމިޝަނުން އެންމެ ގިނަ ފައިސާ ދޭ ސިޔާސީ ޕާޓީއަކީ ޕީޕީއެމްއެވެ. އެޕާޓީއަށް ލިބެންޖެހޭ ފައިސާއަކީ 11،538،660.13 ރުފިޔާއެވެ. އެޕާޓީއަށް ނުދީ ހިފަހައްޓާފައިވަނީ 8،683،477.44 ރުފިޔާއެވެ.