ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަންއިން ނިންމައިފިއެވެ.

މީގެ ކުރިން އިލެކްޝަންއިން ބުނެފައިވަނީ މަޖިލިސް އިންތިހާބު މާޗް މަހު ބޭއްވުމަށް ތައްޔާރުވުމަށް އަންނަ ކަމަށެވެ.

ނަމަވެސް މަޖިލިސް އިންތިހާބާ ގުޅޭގޮތުން މިއަދު އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، އޭޕްރިލް ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ފާސްކޮށްފައިވާ ކަމަށާއި އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމަށް ނިންމާފައިވާ ތާރީހު އަދި ފައިނަލް ނުވާކަމަށެވެ.

ޝަރީފް ވިދާޅުވީ، އިންތިހާބަށް ކުރިމަތިލާން ހުޅުވާލާ ތާރީހު އަދި ފައިނަލް ނުވި ނަމަވެސް މިވަގުތަށް ނިންމާފައިވާ ވަގުތީ ތާރީހަކީ މިއަންނަ މަހު 28 ވަނަ ދުވަސް ކަމަށެވެ.

މިހާރު ހިނގަމުންދާ 17 ވަނަ ރައްޔިތުންގެ މަޖިލިސްގެ ދައުރު ހަމަވަނީ އަންނަ މެއި މަހުއެވެ. ދެން އިންތިހާބުވާ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިތުރުވި ދެ ދައިރާއާއެކު 87 ދާއިރާ ހިމެނެއެވެ.

ޝަރީފް ވިދާޅުވީ، މި ފަހަރު އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީކުރުމަށް ހުޅުވާލާނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯލުމަށް ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް، ވޯޓުލުމަށް ރަޖިސްޓްރީކުރުމަށް ބޭނުން ނަމަ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ރީރަޖިސްޓްރޭޝަންގައި ދިމާވި މައްސަލަތައް ހައްލުކުރުމަށް މިފަހަރު ވޯޓް ރީރަޖިސްޓްރޭޝަން ފޯމުގައި މުހިންމު އިތުރު ބައިތަކެއް ހިމަނާފައިވާ ކަމަށެވެ.

އެގޮތުން، ވޯޓު ރަޖިސްޓްރީކުރާ ފަރާތް ނޫން އެހެން ފަރާތެއް ރަޖިސްޓްރީކުރަން ވަޑައިގަންނަވާ ނަމަ، ވަޑައިގަންނަވާ ބޭފުޅެއް އިގުރާރަކާއެކު، އެ ފޯމަކީ ސައްހަ ފޯމެއް ނޫންކަން އެއްވެސް ސާބިތުވެއްޖެނަމަ، އެ ބެފުޅަކު ޒިންމާވާގޮތަށް އިގުރާރުވާ ގޮތަށް ފޯމަށް ބަދަލު ގެނެސްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.