16 Dec 2018, 11:46
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަޑައިގަންނަވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
މިއަދު ހެނދުނު އެމަނިކުފާނު އިންޑިއާއަށް ފުރާވަޑައިގަތީ އިންޑިއާ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާ ބޯޓެއްގައެވެ.
އެމަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމްއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ އިންޑިއާއަށް ފުރާވަޑައިގެންފައެވެ.
އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެގައުމުގެ ރައީސް ރާމް ނާތު ކޯވިންދްރާ ބައްދަލުފުޅު ކުރައްވާނެ އެވެ. އޭގެ އިތުރުން އިންޑިއާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި އިންވެސްޓްމެންޓު ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ.
"ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވެދޭ އެހީތެރިކަން، އަޅުގަނޑުމެން އަބަދުވެސް ޝުކުރުވެރިކަމާ އެކު ބަލައިގަންނަން. އަދި ކުރިމަގުގައި ވެސް ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާތަކުން، އިންޑިއާގެ އެހީތެރިކަން ލިބެމުން ދާނެކަމަށް އަޅުގަނޑު އުންމީދުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ދަތުރުފުޅުގައި އިންޑިއާއާއެކު ވިސާ ލުއި ފަސޭހަކުރުމުގެ އެއްބަސްވުމެއްގައި ވެސް އެމަނިކުފާނު ސޮއި ކުރައްވާނެއެވެ. އަދި އޭގެ އިތުރުންވެސް މުހިންމު އެއްބަސްވުންތަކުގައި އެމަނިކުފާނު ސޮއި ކުރައްވާނެއެވެ.
"ދެގައުމުގެ ދެމެދުގައި ދެމެދުގައި އެއްބާރުލުން ގާއިމްކުރަން ހަމަޖެހިފައިވާ ކަންކަމާ ގުޅޭ ގޮތުން ދެ ގައުމުން އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައި. އޭގެ ތެރެއިން ވެސް އެންމެ މުހިންމު އެއްބަސްވުމަކީ ވިސާގެ ލުއިފަސޭހަތަކާ ގުޅޭ ގޮތުން ސޮއިކުރާ އެއްބަސްވުން،"
އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމަށްޓަކައި ވެސް އިންޑިއާގެ ސަރުކާރާ ވާހަކަ ދެކެވޭނެ ކަމަށެވެ.
"މި ދަތުރުގައި ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އަނެއް ކަމަކީ، ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އިންޑިއާ ސަރުކާރާ އެކު ވާހަކަ ދެކެވުން،"