02 Oct 2011, 08:43
ރައްޓެއްސަކު އޭނާއާއިއެކު އަހަރެންގޮވައިގެން އިހައްދުވަހު އިންޑިއާއަށް ދިއައެވެ.
ކަސްޓަމުން ނިމިގެން ނިކުތުމުގެ ކުރިންވެސް އަހަރެމެންގެ ދެތިންބަޔަކާ ދިމާވެ ދެބަހެއްބުނެލާ ހީލާހެދުނެވެ. މިހާރު އެއްމެ މިޒަމާނުގެ މޭސްތިރިކަމުގައި ހަދާފައިވާ އެ ބޮޑުމާސިންގާ އިމާރާތުންނުކުމެގެން އަހަރެމެންގެ އެކިމީހުން އެކި ދިމަދިމާއަށް އެކި ވަކި އުޅަނދުތަކުގައި ދިޔައީއެވެ. އަހަރެމެންދެމީހުން ދިއައީ ރައްޓެއްސަކު ކުއްޔަށްހިފައިގެން ހުންނަ ކުޑަ ގެޔަކަށެވެ. ކުރިން އޭނާއާއި ވާހަކަދައްކާ ހަމަޖައްސާފައިވާ ގޮތަށެވެ. ބޮޑުބޭނުމަކީ ވީހާ ހޭދަ މަދުކުރުމާއި ކުރަންދިޔަކަންތައް ކުރުމުގައި ބޭނުންވެދާނެ އެހީ އޭނާގެފަރާތުން ލިބުން ފަސޭހަކުރުމެވެ.
މިދަތުރުގެ ވާހަކަ ލިއެލާނަމޭ ހިތަށްއެރީ އެނބުރި ރާއްޖެއަންނަން ފުރަން ވެފައި ވަނިކޮށް ދިމާވި އަހަންނަށް ވަރަށް ބޮޑަށް ފާހަގަކުރެވި މަޖާވެސްވި ދެކަމެއްދިމާވީތީއެވެ. ފަހަރެއްގައި މިއިންކޮންމެ ކަމަކީވެސް އެއްވެސް އާދައާއިތަފާތު ކަމެއްނޫންކަމުގައިވެސް ވެދާނެއޭ ހީވެ ޖެހިލުންވެސް ވެވެއެވެ. އެކަމަކު މަގޭ ވިސްނުމާއި ފެންވަރާއި ހުރިވަރުން މިއިން ހަމަ ކޮންމެ ކަމަކީވެސް ފިސާރިކަމެކޭ ގަބޫލުކުރެވުނީތީއެވެ. އަޅައިގަނެވި ނެއްޓެންނޭނގި ވެއްޓޭވަރު ވުމާގުޅިގެންނެވެ.
ފުރަތަމަ ފުރަތަމަކަންތަކެވެ. އެރޭ ކައިނިމިގެން ރޭކުރުކޮށްލަން ޑިގުކުޅެލަންރޭވުނެވެ. ކަންދިމާވީ އެކަމަކު ކުޅެވޭގޮތަކަށްނޫނެވެ. ތާސްބައި ގެންގުޅޭމީހާ ދިއަތާކަށްގޮސްފައި ތާށިވީތޯއްޗެކެވެ. އޭނާގެ ހިލަމެއްވެސް ނުވީއެވެ. ދިހައެއް ޖަހާފަނަރަ ހިނގީމާ ދެން ކުޅޭހިތްނެތުނީއެވެ. ދެންތިބި އެހެންމީހުންވެސް ފޫހިވީއެވެ. ނަތީޖާއަކަށްވީ އެކިފާޑުގެ " މޮޅު " ވާހަކަތައް ދައްކަންފެށުމެވެ. އެމީހަކަށް ދިމާވިކަމަށްބުނެ ކޮންމެވެސް މޮޅުވާހަކައެއް ކޮންމެމީހަކުވެސް ދައްކަމުން ގެންދިއައީ އެވާހަކަ ދައްކާމީހާގެ ކޮންމެވެސް މޮޅުކަމެއް ނުވަތަ މޮޅުވެލުމެއް އެވާހަކައަކުން ބުނެދެމުންނެވެ. އެފަދަ ވާހަކަތަކުގެ ތެރޭން އެކަކުކުރި ޓެކުސީ ދަތުރެއްގައި ޑުރައިވަރާއި ޖެހިގެން ހުރި ގޮނޑީގައި އެމީހާ އިންދާ ކުއްލިއަކަށް ޑުރައިވަރު އަނބުރައި\ ގަންނަގޮތްވެގެން އޭނާ އެގޮނޑީގައި އިދެގެން އެ ޓެކުސީ ކޮންޓުރޯލުކޮށް މަގުގެ އެއްފަރާތަކަށް މަޑުކޮށް ހެދިވާހަކައެއްވެސް ކިއާދިނެވެ. މަވެސް ބޯޖަހާލަ ޖަހާލާއިނީއެވެ. ދޮގެކޭ ބުނާނެ ޖާގައެއްނެތީމައެވެ. ކަންކުރިމީހާ އޭނާއެކަންކުރިކަމަށް ބުނާއިރު އެކަމެއްވީ ތަން ނުދެކި އެއްޗެއްބުނަން ނޭނގިފައެވެ. އަނެއްކާ މިއަދަކީ މިނިވަންކަން ހުރިހާތާކަށް ލިބިފައިވާ ދުވަސްކަން އެއްމެންނަށްވެސް އެނގޭނެ ތީއެވެ. ދުލަށާއި އަތަށާއި ފަޔަށާއިއެކު ދެންވެސް ހުރި އެފަދަ ހުރިހާތާކަށް ލިބިފައި ދެވިފައިވާ ހައްގުނިގުޅައިގަނެވި އެއަށްއަރައިގަނެވިދާނެ ކަމުގެ ބިރުވެސް ހީވެފައިކަމަށްވެސް ވެދާނެއެވެ.
ލިއެލަން މިއުޅޭ ފާހަގަކުރެވުނު ކަންތައް ފެށެނީއެހާތަނުންނެވެ. އެއީ އެއްކަލަ ތާސްބައިގެ ވެރިމީހާއެވެ. އޭނާ ބޭރުންއައިސް ވަނީއެވެ. އަހަރެމެންގެ ތެރެއިން އެކަކު އޭނާލަސްވެގެން އެވާހަކަދެއްކި ހިސާބުންނެވެ. އޭނަ ހަމަޖެހިލާފައި އެތާހުރިމޭޒުމައްޗަށް އަރާއިށީނުމަށްފަހު ބުނެލިއެވެ. ދެނެއް ތިޔަފާޑުފާޑަކަށް ޕާޓީތަކާއެއްޗެތި ހަދައިގެން އުޅޭނެކަމެއް ނެތެވެ. މިހާރު މިތާގެ ޕާލަމެންޓުޖަލްސާ އެހިނގަނީއެވެ. މަމިއައީ އެމަންޒަރުތައް ޓީވީން ބަލަންހުރެހުރެފައެވެ. ( ނަސީބު ރަނގަޅު ކަމުންއެގެޔަކު އަހަރެމެންނަށް އަތުޖެހޭހިސާބުގައި ޓީވީ އެއް ނުހުރެއެވެ. ) އެއްމެންބަރަކު ރާއްޖެއާއިބެހޭގޮތުން އެދެއްކީ ދެން ކަންތައްވާނެގޮތުގެ ވާހަކަ އެވެ. އޭނަ ހުށަހަޅަނީ ކޮޗިނާއި މިރަށާއި ދެމެދު މިއޮތް ބިމުގައި އަހަރެމެން ތިންލައްކަ މީހުންނަށް ފުލެޓުތަކެއްއަޅާދީފައި އެއްމެން އެތަނަށްގެންނަން ވެއްޖެކަމަށެވެ. އެމެންބަރު ބުނީ ހަމަރަނގަޅުވާހަކަ އެކެވެ. ކާންބޯންދޭށާއި ކިރިޔާކަމެއްވާއިރަށް ވެސް އަހަރެމެންނަށް ހުރިހާއެހީތަކެއް ވެދިނުމުގައި ކުދިކުދިރަށްތަކެއްގައި ބޭތިއްބުމަށްވުރެ މިކޮޅަށްބަދަލު ކޮށްލުން އެއީ އެމީހުންނަށާއި އަހަރެމެންނަށްވެސް އެއްމެ ފައިދާ ހުރިގޮތެވެ. އަޅެނޫންހޭ ކިއާފައި މަށާއި ދިމާޔަށް އިނގިލި ދިއްކޮށްލުމުން އަހަރެން އަހާލީމެވެ. ޕާލަމެންޓު ޖަލްސާ އެދައްކަނީ ވަގުތުން ހެއްޔޭ ސުއާލުކުރީމެވެ. އޭނާ ގަދައަށް ބުނެލިއެވެ. އާނހަމަ މިހާރު ޖަލްސާ އެހިނގަނީއެވެ. ސޮނީޗެނެލުން އެނޫން އެއްވެސް އެއްޗެއް މިހާރަކުނުދައްކައެވެ. އަހަރެން ނަށް ބުނެ ލެވުނީ އެހެންދޯއޭ އެކަންޏެވެ.
ދެވަނަކަމަކީ ފުރަންއޮތްދުވަހުގެ ކުރީރޭ ދިމާވި ކަމެކެވެ. އަހަރެމެންދެމީހުން ދިއައީ ހޮޓަލެއްގައިހުރި މަގޭރައްޓެއްސަކާއި ބައްދަލުކޮށްލުމުގެ ބޭނުމުގައެވެ. ދެވުނުއިރު އޭނާއެއްނެތެވެ. ފޯނުންގުޅާލީމާ ދިހަވަރަކަށް މިނެޓުދޭށޭ ބުނީތީ އަހަރެމެން ދެމީހުން ވަނީ އެހޮޓަލުގެ ރެސްޓޯރެންޓަށެވެ. އެ ތާނގެ ސޭޓާއި ވާހަކަދައްކައިގެން ދެމީހުންނަށް ދެތަށިކިރު ގެނެސްގެން އެބޯން ތިއްބާ ވަރަށް ފަތަރާސީހިނގުމެއްގައި އައި ޒުވާން ދެއަންހެންކުދިން އެއްވެސް ނުރުހުމެއްނެތި އަހަރެމެން ތިބި މޭޒުގެ އަނެއްފަރާތުގައި އައިސް އިށީނދެއްޖެއެވެ. އެއާއިއެކު އެއްކުއްޖަކު މަގޭނަމުން ގޮވާލާފައި ހީލައިފިއެވެ. އަނެއްކުއްޖާ މަގޭއެކުވެރިއާގާތު "ތީނަގެ ނަމެއްނޭނގެ، ކޮންނަމެއް ކިއަނީ " އަހާލައިފިއެވެ. މަށަށްވީގޮތަކީ އިރުކޮޅަކަށް މަ ހަނދާންނެތުނީއެވެ. އުމުރާއި ފަހަތުފަޔާއި މިއިންއެއްވެސް ކަމެއްގެ އިހުސާސް ނެތި އަނގައިގާހުރި ހުރިހާދަތް ފެންނަވަރަށް ހެވިފައި އެކުއްޖާއާއި ވީފަރާތަށް ޖެހިލަމުން މަގޭނަންއެނގުނީ ކިހިނެއްތޯ އަހާލެވުނީ މަގޭ އަޑުވެސް އަހަންނަށް ފިއްތުނުވަރަކަށްފިއްތާ ރީތި ކޮށްގެނެވެ. ދެން އެމޭޒުކައިރީ ގައި އެގޮތަށް ހިނގާދިޔަ އިރުކޮޅަކަށްފަހު މަށަށް ހޭވެރިކަންވީ " ވަރަށްބޮޑުކަމެއްކޮށްދެއްވާށޭ، ފަސްހާސްރުފިޔާ އަޅުގަނޑުމެން ދެމީހުނަށް ދެއްވަބައްލަވާށޭ " ބުނިހިސާބުންނެވެ. އެއީ މާލެދާންވެގެން އެމީހުން ތިބި ހޮޓަލަށްދައްކާންބޭނުންވާ ފައިސާކަމާއި އެފައިސާ އަހަރެމެންދެމީހުން ބުނިކޮންމެގޮތަކަށް އަދާކޮށްދޭން ހުވާކުރަމޭ ބުނިއިރު މަގޭ ހުރިހާ ހިއްސުތަކެއް ހޭލާ "އަލިފާނޯތް" ގޮވަންފަށައިފިއެވެ. ބަލައިލިއިރު މަގޭ އެކުވެރިއާ އޭނަގެ ޖީބަށްއަތްބާނައިގެން ފައިސާދަބަސްނަގަނީއެވެ. އެއަތުގައި އަހަރެން ހިފަހައްޓަމުން މާދަމާފުރާ ވާހަކައާއި އަހަރެމެން އަތުގައި ދެން މިހާރަކު އެއްވެސް ފައިސާއެއް ދެވެން ނެތް ވާހަކަ ބުނެފީމެވެ. އަދި ތިއައީ ކޮންކުދިންނެއްތޯ މިތާތިބެނީ ކޮން ހޮޓަލެއްގައިތޯ އަހާލުމުން ދެކުދިން ތިބެނީދެހޮޓަލުގައި ކަމަށާއި އެއްކުއްޖަކަށް ކިއަނީ ޝަޒިއްޔާ އެއްކަމާއި އަނެއް އެއީ ޙާފިލާ ކަމަށްބުންޏެވެ. ދެންއަދި ތިއަކަންތައް އަހަރެމެންގެ ރައްޓެއްސަކު މެދުވެރިކޮށް ކޮށްދެވޭތޯ ބަލާނަމޭ ފޯނުނަންބަރު ދޭށޭ ބުނީމެވެ. އެކުދިން ނަންބަރެއްނުދިނެވެ. ބުނީ އެމީހާގެ ނަންބަރު އެކުދިންނަށް ދެނިކޮށް ގުޅާނެވާހަކަ އެވެ.
އެއިރު އެއްކުއްޖަކު ތެދުވެއްޖެއެވެ. އަދިއިށީންނާށޭ ބުނީމާވެސް މިއުޅެނީ މިކަމާއޭ ބުނެފައި އެކުދިން އައިކޮޅަށްދިއައީއެވެ. ބިލުހިފައިގެން އައިމީހާއަށް އެކުދިން ފެންނާނެތީ އެމީހާ ގާތު މިކުދިން ދެކެމުތޯ އަހާލުމުން އާނއެކޭ ބުންޏެވެ. އެކުދިންނަކީ މި ހޮޓަލުގެ ރޭގަނޑުގެ ވަރަށް ހަރަކާތްތެރި ކުދިންކަމަށާއި ކޮޓަރިކޮޓަރިއަށް ވަދެ ނުކުމެވާތަން ވެސް ދެކޭކަމަށް ބުންޏެވެ.
އަހަރެން މިދެކަމަށްވެސް ވޯޓުދެމެވެ. އެބުނާގޮތަށް ފުލެޓުތަކެއްއަޅާފައި އެތަނަށް އެއްމެންގެނެސް ލުމާއި އެކު އެ ހިސާބުގެ ނަމަކަށް ދިވެހިވަންތަޕޫރަމް ކިއައިފިނަމަ ތާރީޚުގެ ފަތްފުށްތަކުގައި ފުއްޕުންލާފައި ލިއެވުނީއެވެ. އަދި އަހަރެމެންގެ ކެރޭހިއްވަރުގަދަ ޒުވާން އެކަހަލަ ކުދިންގެ މިންނެތްމަސައްކަތުން އަހަރެމެންގެ ފަތުރުވެރިންނަށާއި އެހެނިހެންގައުމުތަކުގެ އެތަކެއްމީހުންނަށް ދިމާވެފައިވާ ހައިހޫނުކަން ފިލުވާލަދީ އުފާކޮށްދީހެދުމަކީވެސް ނުރުހި ނުގަބޫލުވެ ފުސްމޫނު ހަދަންވީ ކަމެކޭ މިހާރަކު މަގޭހިތަކަށްނާރައެވެ. ވިސްނުމާ ފިކުރުގައި ތަފާތުތައް ހުންނަކަން ގަބޫލުނުކުރަނީއެއްނޫނެވެ.