16 Dec 2018, 11:31
ތޫނިސް (ޑިސެމްބަރު 16) : ތޫނިސްއަށް 830 މިލިޔަން ޑޮލަރު ދިނުމަށް ސައޫދީ އަރަބިޔާއިން ނިންމައިފި އެވެ. މިކަން އިޢްލާން ކުރެއްވީ ސައޫދީ އަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު ގައުމަށް އެނބުރި ވަޑައިގެންނެވި ތޫނިސްގެ ބޮޑުވަޒީރު ޔޫސުފް އައްޝާހިދު އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ ސައޫދީން ދިނުމަށް ނިންމި 830 މިލިޔަން ޑޮލަރުގެ ތެރެއިން 500 މިލިޔަން ޑޮލަރު ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ބެޖެޓްގެ ޑެފިސިޓް ކުޑަކޮށް ބަޖެޓް ދެކޮޅު ޖެއްސުމަށް ކަމަށާ ބާކީ ފައިސާ ޚަރަދުކުރާނީ ތަރައްގީގެ ކުދި މަޝްރޫއުތައް ހިންގުންފަދަ ކަންކަމަށެވެ. ސައޫދީން ދޭ ފައިސާ ތޫނިސްގެ މަރުކަޒީ ބޭންކަށް ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އޭނާ ވަނީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަށް ވަޑައިގެން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާއި ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވައިފަ އެވެ.
މީގެ އިތުރުން ސައޫދީ ބޮޑެތި ބައެއް ވިޔަފާރިވެރިންނާ ސައޫދީ ބޮޑެތި ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވައި ތޫނިސްގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތައް އެފަރާތްތަކަށް ސާފުކޮށް ދެއްވި އެވެ.
ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ތޫނިސްއަށް ޒިޔާރަތް ކުރައްވާފަ އެވެ. އެ ދަތުރުފުޅާދިމާކޮށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ތޫނިސްގެ އެކްޓިވިސްޓުން އިސްކޮށް ތިބެގެން ބިން ސަލްމާން އާ ދެކޮޅަށް ވެރިރަށް ތޫނިސްގައި ވަނީ މުޒާހަރާތަކެއް ކުރިޔަށް ގެންގޮސްފަ އެވެ. މިއީ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސުލޭޓްގައި ސައޫދީ ނޫސްވެރިޔާ ޖަމާލްއަލްޚާޝުގްޖީ ވަރަށް ލާއިންސާނީ ގޮތަކަށް އަވަހާރަކޮށްލި ޖަރީމާގެ ފަހަތުގައި ބިން ސަލްމާން ހުންނެވި ކަމަށް ތުހުމަތުކޮށް އޭނާއާ ދެކޮޅަށް ކުރި މުޒާހަރާތަކެކެވެ.
ތޫނިސްއާއި ސައޫދީގެ ގުޅުންތައް ގޯސްވެފައި ވަނީ 2011 ވަނަ އަހަރުގެ އަރަބި ރަބީއުގައި ތޫނިސްގެ ރައްޔިތުންގެ އުތުރި އެރުމާ ގުޅިގެން ވެރިކަމުން ފިއްލެވި އެގައުމުގެ ކުރީގެ ޚުދުމުޚްތާރު ވެރިޔާ ޒައިނުލްއާބިދީން ބިން އަލީ އަށް ސައޫދީން ހިމާޔަތް ދިނުމާ ގުޅިގެންނެވެ. ނަމަވެސް ދާދިފަހުން ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ތޫނިސްއަށް ކުރެއްވި ދަތުރުފުޅާ އަދި ބޮޑުވަޒީރު ޔޫސުފް އައްޝާހިދު ސައޫދީ އަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ދެގައުމުގެ ގުޅުންތައް ވަނީ ވަރަށް ބޮޑުތަން ރަނގަނޅުވެފަ އެވެ. (ނޫސްއެޖެންސީތައް)