ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރުކަމަށް ހ. ދޫރިހާ އާއިޝަތު މުހައްމަދު ދީދީ މިރޭ އައްޔަނުކުރައްވައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭރުގެ ގައުމެއްގެ ސަފީރެއްގެ ގޮތުގައި އައްޔަނުކުރެއްވި ފުރަތަމަ ސަފީރެވެ.

ރައީސް އޮފީހުގައި މިރޭ އޮތް ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހު ވަނީ އާއިޝަތު ދީދީއަށް އިންޑިއާ ސަފީރުކަމުގެ ފަތްކޮޅު ދެއްވާފައެވެ.

އާއިޝަތު މުހައްމަދު ދީދީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، 2005 ވަނަ އަހަރުން 2008 ވަނަ އަހަރުގެ ނިޔަލަށް ޖެންޑަރ މިނިސްޓަރުކަން ކުރެއްވި ބޭކަނބަލެކެވެ.

ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އާއިޝަތު ދީދީ އެންމެ ފަހުން ހުންނެވީ ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރ (އެކެޑެމިކް)ގެ މަގާމުގައެވެ.

އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު މިރޭ އައްޔަނުކުރައްވާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ހޯމަ ދުވަހު އިންޑިއާއަށް ފުރާވަޑައިގަންނަވާނެއެވެ.