ކޮންމެ ރައްޔިތަކު ވެސް އެ ރައްޔިތެއްގެ ގޯތީގައި މަދުވެގެން ގަހެއް އިންދަން ވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކުރެއްވުުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ ގަސްތަކުން މަންފާ ލިބޭ ގަސްތައް އިންދުމުން ދިރިއުޅުމުގެ ޚަރަދު ކުޑަވާ ކަމަށެވެ.

"ކޮންމެ ބޭފުޅަކަށް ވެސް އެބޭފުޅެއްގެ ގޯތީގައި މަދުވެގެން އެއް ގަސް އިންދެން ވާނެ. ވަކީން ހާއްސަކޮށް ކާބޯތަކެތި އަަޅާ ގަސްގަހާ ކެއުމަށް ފަތްޕިލާވެލި ލިބޭ ފަދަ ގަސްތައް ގިނަ ކުރެއްވުމަށް. އެއީ އަޅުގަނޑުމެންގެ ހަރަދުތައް ވެސް ކުޑަ ކުރެވޭނެ ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޖަޒީރާވަންތަ ތަސައްވުރެއް ހާސިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ގަސް އިންދުމުގެ ޕްރޮގްރާމު ހިންގައިގެން ކަމަށެވެ.

"ޖަޒީރާވަންތަ ތަސައްވުރެއް ހާސިލްކުރެވޭނީ ދެމެހެއްޓެނިވި ގޮތުގައި މި ޕްރޮގްރާމް ހިންގައިގެން. އަޅުގަނޑުމެންގެ ރަށްރަށުގެ ފެހިކަން ދެމެހެއްޓުމުގެ މަސައްކަތްތަކެއް ދާއިމީގޮތެއްގައި ކޮށްގެން،" އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، ތަރައްގީ ގެނައުމުގެ ނަމުގައި ތިމާވެށި ގުރުބާން ނުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ގަސް ކެނޑުމާއި ރަށްތައް ހަނަފަސްކުރުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ ތިމާވެއްޓާ ބެހޭ ގާނޫނުތައް ފުރިހަމަ އަށް ތަންފީޒުކުރެވިގެން ކަމަށެވެ. އަދި ގަސް ކެނޑުމާ ގުޅޭ ގަވާއިދު އިސްލާހު ކޮށް، މިހާރު އެޓާނީ ޖެނެރަލްގެ މަރުހަލާއާ ހަމައަށް ގެންދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ހުޅުމާލޭގައި "ރަށް ފެހި"ގެ ނަމުގައި ފެށި ހަރަކާތުގައި 100 ރުކާއި 150 ގަސް ވަނީ ދެވަނަ ފިޔަވަހީގެ ހިއްކި ބިމުގައި އިންދާފައެވެ. އެ ގަސްތަކަކީ ހުޅުމާލޭ ނާސަރީގައި ހައްދައި، މުޑުވައް ކޮށްފައިވާ ގަސްތަކެކެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ރަށްފެހި" ޕްރޮގްރާމުގެ ދަށުން ރަށްރަށުގެ ހުސްބިންތަކާއި މަގުތަކުގައި 4،000 ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.