15 Dec 2018, 19:47
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހުކޮށްފިއެވެ.
"ރަށްފެހި"ގެ ނަމުގައި މުޅި ރާއްޖޭގައި ފަށާ ގަސް އިންދމުގެ މި ޕްރޮގްރާމް މިއަދު އިފްތިތާހުކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ. ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ރައީސް ސޯލިހާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގަސް އިންދަވާފައެވެ.

މިއަދު ފެށި "ރަށްފެހި" ގަސް އިންދުމުގެ ޕްރޮގްރާމު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ އެންވާރަމަންޓް މިނިސްޓްރީ
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ "ރަށްފެހި" ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމާއި، ދިރިއުޅުމުގައި ގަސްގަހާގެއްސާއި ރުއްގަސް އަދާކުރާ މުހިންމު ދައުރު އަންގައިދިނުމާއ، ރުއްގަސް އިންދައި ބެލެހެއްޓުމަށް ރައްޔިތުންނާއި މުއައްސަސާތައް އަހުލުވެރިކޮށް ޒިންމާދާރުކުރުވުން ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ޑރ. ނަސީރު ވިދާޅުވީ އެކި ބޭނުންތަކަށް ހިއްކަމުން ގެންދާ ބިންތަކަކީ އުފެއްދުންތެރި، ފެހި ބިމުގެ ގޮތުގައި ހެދުމަށްޓަކައި އެތަންތަނުގައި ގަސް އިންދަންޖެހޭ ކަމަށާއި، ހިއްކާ ބިންތަކާއި އިގްތިސާދީ މަސައްކަތް ކުރަމުންދާ ތަންތަނުގައި ތިމާވެއްޓާ ރަހުމަތްތެރި ތަންތަނަށް ހެދޭނެ ގޮތްތަކާމެދު ވިސްނަންޖެހޭ ކަމަށެވެ.

މިއަދު ފެށި "ރަށްފެހި" ގަސް އިންދުމުގެ ޕްރޮގްރާމު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު-- ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
"މިކަމަށް އޮތް ހައްލަކީ ގަސް އުފުރައިގެން އެއްތަނުން އަނެއް ތަނަށް ގެންދިއުންތޯ ވިސްނަންޖެހޭ. އެކަމާ ގުޅިގެން ކުރިމަތިވާ މައްސަލަތަކާ ކުރިމަތިލާން އެބަ ޖެހޭ. ރަނގަޅު ގޮތަކީ ނާސަރީ ހައްދައިގެން މިކަން ކޮށްގެން ގަސް އާލާކުރުންތޯ ވިސްނަން އެބަ ޖެހޭ،" ޑރ. ނަސީރު ވިދާޅުވިއެވެ.
މިއަދު ހުޅުމާލޭގއި ހިންގި ހަރަކާތުގައި 100 ރުކާއި 150 ގަސް ވަނީ ދެވަނަ ފިޔަވަހީގެ ހިއްކި ބިމުގައި އިންދާފައެވެ. މިއީ ހުޅުމާލޭ ނާސަރީގައި ހައްދައި، މުޑުވައް ކޮށްފައިވާ ގަސްތަކެކެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ރަށްފެހި" ޕްރޮގްރާމުގެ ދަށުން ރަށްރަށުގެ ހުސްބިންތަކާއި މަގުތަކުގައި 4،000 ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.