15 Dec 2018, 20:03
ސަރުކާރުން އުފައްދާފައިވާ ދެ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ހުށަހަޅާފައިވާ ބިލް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހިފައިނުވާތީ ކުރީގެ ރައީސް ޔާމީން މެންބަރުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުން ފާސްކުރުމަށް ވޯޓަށް އަހަން ހަމަޖެހިފައި އޮތް އެއްކަމަކީ މަރުތަކާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ދެ ކޮމިޝަނަށް ބާރުތަކެއް ދިނުމަށް ސަރުކާރުން ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތަށް ފާސްކުރުމެވެ.
ދެ ކޮމިޝަނަށް ބާރުދޭ ބިލް މިއަދުގެ ޖަލްސާގައި ވޯޓަށް އެހިފައި ނުވަނީ ގާނޫނީ އަދަދު ހަމަ ނުވެގެން ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކަށް ޖަވާބުދާރީވުމަށް ފުލުސް އޮފީހަށް ވަޑައިގަތުމަށްފަހު ޕީޕީއެމް އޮފީސް ދޮރުމަތީގައި އެ ޕާޓީގެ މެންބަރުންނާ މުހާތަބުކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެ ދެ ބިލް ފާސްވިޔަ ނުދިނުމަށް ޕީޕީއެމްގެ މެންބަރުންނާ ގުޅިގެން ބައެއް އެހެން މެންބަރުންވެސް މަސައްކަތްކުރެއްވި ކަމަށެވެ.
"މި ނުރައްކާތެރި ކޮމިޝަންތަކުގެ ބިލް ފާސްކުރުމަށް ފުރުސަތު ނުލިބި މި ކަމުގައި އަޅުގަނޑުމެންނާ އަދި އަޅުގަނޑުމެނާއި އެކީގައި މަސައްކަތް ކޮށްދެއްވައި އަދި މި ބިލާ ދޭތެރޭގައި ކަންބޮޑުވުން ހުރި މެންބަރު އަދި އަޅުގަނޑުމެން މިއަދު ވަކިވެ ވަޑައިގެތް އެހެން ޕާޓީތަކުގައި ތިއްބެވި ނަމަވެސް އެ ބޭފުޅުން އެ ކުރެއްވި މަސައްކަތަކީ ޝައްކެއްވެސް ނެތް ގޮތުގައި މުޅި ރައްޔިތުންގެ ހައްގުގައި ހާއްސަކޮށް ސިޔާސީ އިސް މީހުންގެ ހައްގުގައި މިދެންނެވި ގޮތަށް ހަމަ އެއްވެސް ކަހަލަ ކުށެއް ތުހުމަތެއް ނެތި މީހުން ހިފައި ހައްޔަރުކުރުމަށް މިކަންކަން ކުރުމަށް މިހާރު ވެރުކަމުގައި ތިބި ފަރާތްތަކުން ހުށަހެޅި ބިލަށް ތާއީދުނުކުރައްވައި މިއަދު ދައުރު ނިމިގެން ދިއުމަކީ މި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ހަމަ ފަށްފަށުން ޝުކުރު ދަންނަވާލަން ބޭނުންވާ ކަމެއް،" ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.
އެ ބިލަށް ކޮމިޓީ މަރުހަލާގައި ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ.
ސަރުކާރުން އުފައްދާފައިވާ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް ނޭހުނީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން މަޖިލީހަށް ހާޒިރު ނުވުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ވޯޓަށް އެހީ ގަޑީގައި މިއަދުގެ ޖަލްސާއަށް ހާޒިރު ތިބީ ރިޔާސަތު ހިމެނޭގޮތަށް 39 މެމްބަރުންނެވެ. ނަމަވެސް ޖަލްސާގައި ވޯޓަށް އެހެން އޮތް ކަންކަމައިގެން ކުރިއަށް ދެވޭނީ 43 މެމްބަރުން ތިއްބަވައިގެން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.