15 Dec 2018, 18:01
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ބޭންކް އެކައުންޓްތަކުން 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފްރީޒްކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި މުއްދަތުގައި ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވިކަމަށް ތުހުމަތުކުރެވިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކަކުން ފުލުހުންނަށް ހުށަހެޅި މައްސަލަތަކެއްގެ ތަހުގީގަށް ސުވާލުކުރުމަށް ކުރީގެ ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރުކުރިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީނުގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އަދި އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، ރައީސް ޔާމީނުގެ އެ ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށް ފުލުހުން ހާމަކުރިއެވެ.
ފުލުހުން ބުނީ ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް، ތަހުގީގަށް ކުރި ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވިކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ތަހުގީގަށް އެއްބާރުލުން ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.
ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތީ އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ޕީޕީއެމްގެ ނައިބު ރައީސާ އާއިޝަތު އާޒިމާ ޝަކޫރާވެސް އެކުގައެވެ.
ފުލުސް އޮފީހުން ނުކުމެވަޑައިގެން މީޑިއާއާ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނާ ފުލުހުން ކުރީ، އެކައުންޓުގައި ހުރި ފައިސާއާ ގުޅޭގޮތުން ތިން ސުވާލެއް ކަމަށެވެ.
"އެކައުންޓަށް ވަދެ ނިކުންނަ ފައިސާއަކީ ފެންނަން ހުރި އެއްޗެކޭ. އޭގެ ވަކި ކަމެއް އޮވެއްޖެ ނަމަ ތަހުގީގީ އިދާރާތަކުން ހުންނަން ވާނީ މިހާރު ބައްލަވާފައި، މިއެނި ފައިސާއަކީ ގޯސްކޮށް ވަދެފައި ހުރި ފައިސާއެކޭ. އެ އެއް އަދި އެސްޓާބްލިޝް އެއް ނުކުރެވޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެ ފައިސާ ވަދެފައިވާ ގޮތާ ގުޅޭ ގޮތުން ފުލުހުން ސުވާލުކޮށްފައި ނުވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި ފުލުހުން އައްސަވައިފިނަމަ ޖަވާބުދޭން ތައްޔާރަށް ހުރި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އެ އެކައުންޓަކީ 2013 ވަނަ އަހަރުން ފެށިގެން ކެމްޕެއިނަށް ބޭނުންކުރަމުންދާ އެކައުންޓެއް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވިއެވެ. އަދި ޝައްކު ކުރެވޭ ޓްރާންޝެކްޝަންތަކަށް ވާންޖެހޭ ސަބަބެއްވެސް ފުލުހުންނަށް ބުނެނުދެވޭ ކަން އާޒިމާ ފާހަގަކުރެއްވިއެވެ.