15 Dec 2018, 17:48
ރާއްޖޭގައި އޮންނަ އިންޑިއާ ނޭވީގެ ދެ އެޑްވާންސް ލައިޓް ހެލިކޮޕްޓަރުގެ އެހީގައި، އެމަޖެންސީގައި ބަލި މީހުން އުފުލުމާއި ސާޗް އެންޑް ރެސްކިއު ހިމެނޭ ގޮތަށް 201 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ރާއްޖޭގައި އޮންނަ އިންޑިއާ ނޭވީގެ ދެ ހެލިކޮޕްޓަރާއި، އިންޑިއާއާއި ރާއްޖެއާ ދެމެދު ސަލާމަތީ އަދި އަސްކަރީ ބާރުތަކުގެ ގުޅުންތަކާ ބެހޭގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅުވައިގެން، ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސްކަރީ އަދި ސަލާމަތީ ބާރުތަކުގެ ގުޅުމަކީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ ތަނބެއް ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި އޮންނަ ދެ އިންޑިއާ ނޭވީގެ އެޑްވާންސް ލައިޓު ހެލިކޮޕްޓަރަކީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، އަދި ސާޗް އެންޑް ރެސްކިއުގެ އިތުރުން ސާވޭލަންސް މަސައްކަތްކުރުމަށް ދިވެހިރާޢްޖޭގެ ދިފާއީ ބާރުތަކަށް އެހީވުމަށް ދިވެހި ސަރުކާރާ ހަވާލުކޮށްފައިވާ ދެ ހެލިކޮޕްޓަރު ކަމަށެވެ.
އަދި މިހާތަނަށް ދެ ހެލިކޮޕްޓަރުގެ އެހީގައި އެމަޖެންސީގައި 151 ބަލި މީހުން އުފުލާފައިވާ ކަމަށާއި، ސާޗް އެންޑް ރެސްކިއުގެ 50 އޮޕަރޭޝަނެއްގައިވެސް ހެލިކޮޕްޓަރު ބޭނުންކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފުރަތަމަ ހެލިކޮޕްޓަރު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކަމަށާއި، އަދި އެ އެއްބަސްވުން 2012 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސރުކާރާއި، 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި ދެވަނަ ހެލިކޮޕްޓަރު ހަވާލުކުރުމުގެ ލިޔުމުގައި ސޮއިކުރީ 2015 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުގައި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ތަމްރީނުތަކެއްގައި ބައިވެރިވުމަށް އިންޑިއާގެ 45 ސިފައިން ހިމެނޭ ވަފުދެއް އައިކަމުގެ ޚަބަރު އިއްޔެ ފެތުރުމާއެކު އިދިކޮޅު ސިޔާސީ ފަރާތްތަކުން ދިޔައީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ފޮރިން މިނިސްޓްރީގެ މިއަދުގެ ބަޔާނުގައި ބުނީ ޖޮއިންޓް އެކްސަސައިޒްތަކާއި ތަމްރީނުތަކާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނީޓާކުރުން ފަދަ އޮޕަރޭޝަންތައް އިންޑިއާއާ ރާއްޖެ ގުޅިގެން ހިންގަމުންދާތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށެވެ.
އަދި ތަފާތު އެއްބަސްވުންތަކުގެ ދަށުން އެމެރިކާއާއި ސްރީލަންކާ ފަދަ ގައުމުތަކާއެކުވެސް ރާއްޖެއިން ޖޮއިންޓް އޮޕަރޭޝަންތައް ހިންގާކަމަށާއި، އެހެން ގައުމުތަކުން ހިންގާ އޮޕަރޭޝަންތަކުގައިވެސް ދިވެހި ސިފައިން ބައިވެރިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިންޑިއާއާ ރާއްޖެއާ ގުޅުވައިގެން މިފަދަ ވާހަކަތަކެއް ދައްކަމުން ގެންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާއަށް، ހޯމަ ދުވަހު ވަޑައިގަންނަވާނެއެވެ.