15 Dec 2018, 20:02
ބޮލީވުޑްގެ ކާމިޔާބު ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ ފިރިހެން ދަރިފުޅު ތައިމޫރު އަލީ ޚާން (ތައިމޫރު) ގެ ނަމުގައި ފިލްމެއް ހަދަން ނިންމައިފިއެވެ.
އެ ފިލްމު ހަދަން ނިންމާފައިވަނީ ގިނަ ފިލްމުތަކެއް އުފައްދާފައިވާ މަދުރް ބަންޑާކަރްއެވެ. ހަބަރުތައް ބުނާ ގޮތުގައި އޭނާ މިހާރު ވަނީ "ތައިމޫރު އަލީ ހާން" ގެ ނަމުގައި ފިލްމެއް ހެދުމަށް އެނަން ރަޖިސްޓްރީވެސް ކޮށްފައެވެ.
ތައިމޫރުގެ ނަމަށް ފިލްމެއް ހަދަން އުޅޭ ކަމަށް އަޑުތައް ފެތުރުނު ނަމަވެސް މާ ގިނަ ތަފްސީލްތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ކަރީނާ އަދި ސައިފްވެސް އެކަމާ ބެހޭގޮތުން މީޑިއާތަކުގައި އަދި ވާހަކައެއް ނުދައްކައެވެ.
މީޑިއާތަކައި ހަވާލާދީ ހަބަރުތައް ލިބޭ ގޮތުގައި އެ ފިލްމު ހަދަން ނިންމާފައިވަނީ ކަރީނާ މަދުރްއަށް ފައިސާ ދީގެންނެވެ. އަދި ބައެއް މީހުން އަންނަނީ އެހެން ބުނެ ފާޑު ކިޔުންތައް ކަރީނާއަށް އަމާޒުކުރަމުންނެވެ. ގިނަ ބަޔަކު އަންނަނީ އެ ފިލްމު ހެދި ނަމަވެސް މަޝްހޫރު ނުވާނެ ކަމަށް ބުނަމުންނެވެ.
ތައިމޫރަށް މި މަހުގެ 20 ވަނަ ދުވަހު ދެ އަހަރު ފުރޭއިރު ފާހަގަކޮށްލެވެނީ އޭނާއަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކުއްޖެއް ކަމެވެ. "ސްޓާ ކިޑް"އެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތައިމޫރަށް ވައްތަރު ބުދެއްވެސް ދާދި ފަހުން ވަނީ ވުޖޫދުކޮށް ވިއްކަން ފަށާފައެވެ.