15 Dec 2018, 16:59
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރި އިރު އެކައުންޓުގައި ހުރި ފައިސާއަކީ ގާނޫނާ ހިލާފު ފައިސާއެއް ކަން ފުލުހުންނަށް ބުނެދެވިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
މިއަދު 2:00 އިރު ފުލުސް އިދާރާއަށް ވަޑައިގެން ރައީސް ޔާމީން ނިކުމެވަޑައިގަތީ ދެ ގަޑިއުރު ވާން ކައިރި ވެފައި ވަނިކޮށެވެ. ނިކުމެވަޑައިގަތް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމަނިކުފާނު ކުރެއްވީ އެކައުންޓުގައި ހުރި ފައިސާއާ ގުޅޭ ގޮތުން ތިން ސުވާލެއް ކަމަށެވެ.
"އެކައުންޓަށް ވަދެ ނިކުންނަ ފައިސާއަކީ ފެންނަން ހުރި އެއްޗެކޭ. އޭގެ ވަކި ކަމެއް އޮވެއްޖެ ނަމަ ތަހުގީގީ އިދާރާތަކުން ހުންނަން ވާނީ މިހާރު ބައްލަވާފައި، މިއެނި ފައިސާއަކީ ގޯސްކޮށް ވަދެފައި ހުރި ފައިސާއެކޭ. އެ އެއް އަދި އެސްޓާބްލިޝް އެއް ނުކުރެވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެ ފައިސާ ވަދެފައިވާ ގޮތާ ގުޅޭ ގޮތުން ފުލުހުން ސުވާލު ކޮށްފައި ނުވާކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ. އަދި ފުލުހުން އައްސަވައިފި ނަމަ ޖަވާބުދޭން ތައްޔާރަށް ހުރި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ އެ އެކައުންޓަކީ 2013 ވަނަ އަހަރުން ފެށިގެން ކެމްޕެއިނަށް ބޭނުންކުރަމުންދާ އެކައުންޓެއް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވި އެވެ. އަދި ޝައްކު ކުރެވޭ ޓްރާންޝެކްޝަންތަކަށް ވާން ޖެހޭ ސަބަބެއް ވެސް ފުލުހުންނަށް ބުނެ ނުދެވޭ ކަން އާޒިމާ ފާހަގަ ކުރެއްވި އެވެ.
"ކެމްޕެއިން ބޭނުމަށް އެކައުންޓަށް ފައިސާ ޖަމާ ކުރީމަ އެއީ ގާނޫނާ ހިލާފުކަމެކަށް ވަނީ ބުނެއެއް ނުދެވުނު. އަދި މީހެއްގެ އަމިއްލަ އެކައުންޓުގައި ފައިސާ ހުރީމާ އެކަން ވެސް ގާނޫނާ ހިލާފު ވަނީ ކީއްވެ ކަމެއް ބުނެ އެއް ނުދެއްވާ،" ރައީސް އޮފީހުގެ ކުރީގެ ލީގަލް މިނިސްޓަރަކުން ކުރެއްވި އާޒިމާ ވިދާޅުވި އެވެ.
ޝައްކުރެވޭ ކަމެއްވާ ނަމަ އެކަމާ ސުވާލު ކުރެއްވި ނަމަވެސް އެއްވެސް މައްސަލައެއް ނެތް ކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ. ނަމަވެސް މިހާރު އެމަނިކުފާނުގެ މައްޗަށް ކުރަމުންދަނީ ސިޔާސީ ތުހުމަތުތަކެއް ކަން ވެސް ފާހަގަ ކުރި އެވެ.
އެ މައްސަލައިގެ ތަހުގީގަށް އަދި ވެސް ފުލުހުންގެ އިދާރާއަށް ވަޑައިގަންނަވަން ޖެހިދާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ހަނު ހުރުމުގެ ހައްގު ބޭނުން ނުކޮށް ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.