ރާއްޖޭގައި ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ޝީޝާއިން "100 ދުވަސް"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ތަފާތު އޮފާތަކެއް ދޭން ވަނީ ނިންމާފަ އެވެ.

ޝީޝާއިން ބުނި ގޮތުގައި، މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން 100 ދުވަހުގެ މުއްދަތަކަށެވެ.

ޕްރޮމޯޝަނުގެ ދަށުން ޝީޝާގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ވަރަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެ އެވެ. އެއީ ފުލް ޕޭމެންޓާއި އިންސްޓޯލްމަންޓުން ފައިސާ ދައްކަވާ ކަސްޓަމަރުންނާއި، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އެމްއެފްއެލްސީ ސްކީމުގެ ދަށުން ސައިކަލު ބައްލަވައިގަންނަވާ ފަރާތްތައްވެސް ހިމެނޭ ގޮތަށެވެ.

ސަތޭކަ ދުވަސް ޕްރޮމޯޝަނުގެ ދަށުން، ޖެނުއަރީ 15ގެ ކުރިން ރިޒާވްކުރާ ހޮންޑާ އެއާބްލޭޑް ސައިކަލުގެ އަގެއްގެ ގޮތުގައި 54،100 ރުފިޔާ ހަމަޖެހިގެން ދާނެ އެވެ.

އެއާބްލޭޑް ސައިކަލުގެ އަސްލު މާކެޓް އަގު އުޅެނީ 64،000 ރުފިޔާ އަށް ވުރެ މަތީގަ އެވެ.

ޝީޝާ ޝޯރޫމް: ޝީޝާއިން މިއަދު ވަނީ "100 ދުވަސް"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށާފައި -- ފޮޓޯ/ ޝީޝާ

މީގެ އިތުރުން މުދައްރިސުންނާއި ނަރުހުންނަށް ޚާއްސަކޮށް، އިންސްޓޯލްމަންޓްގެ ޗާޖު ރޭޓު 1.5 ޕަސަންޓުން 1.25 ޕަސަންޓަށް ވަނީ ކުޑަކޮށްފަ އެވެ.

އަދި މީގެ ކުރިން ޝީޝާއިން ހޮންޑާގެ ޒޫމާ އެކްސް ސައިކަލުގެ އިންސްޓޯލްމަންޓް ޗާޖު އެއް ޕަސަންޓުގައި ދެމުން ދިޔަ "ޒޫމާ އެކްސް ސަޅި ޑީލް" ޕްރޮމޯޝަންވެސް 100 ދުވަސް ޕްރޮމޯޝަނުގެ މުއްދަތަށް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ޝީޝާގެ މާލެ، ހުޅުމާލެ، ހދ. ކުޅުދުއްފުށި އަދި އައްޑޫ ސިޓީގެ އައުޓްލެޓްތަކުން މި ޕްރޮމޯޝަން ކުރިއަށް ގެންދާއިރު، އެކުންފުނިން ބުނީ "100 ދުވަސް" ޕްރޮމޯޝަނުގެ މުއްދަތުގައި ގަންނަ ސައިކަލު، ޝީޝާގެ އައުޓްލެޓް ނުހުންނަ ރަށްރަށް ގެންދާނަމަ ދޯންޏަށް ދައްކާ ނާލު ފައިސާގެ ގޮތުގައި 500 ރުފިޔާ ދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.