15 Dec 2018, 16:37
އިންޑިއާގެ ކޮޗިން އިން މާލެއަށް އިއްޔެ ދަތުރު ކުރަން އޮތް ސްރީ ލަންކަން އެއާލައިންގެ ފްލައިޓުން ދަތުރު ނުކުރެވުމުގެ 69 ދިވެހިން ރޭ ފަތިހު ހޮޓެލަކަށް ބަދަލުކޮށްފި އެވެ.
އިއްޔެ ހަވީރު ފުރަން އޮތް ފްލައިޓުގެ ފަސިންޖަރަކު ބުނި ގޮތުގައި ފްލައިޓު ނައްޓާލަން އުޅެނިކޮށް ބޯޓުން ކުއްލިއަކަށް ބްރޭކް ޖެއްސި އެވެ. އެއަށް ފަހު ސްރީ ލަންކަން އިން ވަނީ ފަސިންޖަރުން ބޯޓުގައި ތިއްބައި މައްސަލަ ހައްލު ކުރަން ފަސް ގަޑި އިރަށް ވުރެ ގިނަ އިރު ހޭދަކޮށްފަ އެވެ.
އަދި މައްސަލަ ހައްލު ނުވުމުން ހުރިހާ ފަސިންޖަރުން ފްލައިޓުން ފޭބުމަށް އަންގައި، ފުރަތަމަ ބުނީ ބަހުން ޓްރިވެންޑުރަމްއަށް ދިޔުމަށް ނުވަތަ އެއާޕޯޓުގައި މަޑު ކުރުމަށެވެ. އަދި ރާއްޖެއަށް ދާން އޮތް ފްލައިޓަކުން ޖާގައެއް ލިބިއްޖެ ނަމަ އަންގާނެ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ސްރީ ލަންކަންއިން ދިވެހިންނަށް ހޮޓެލް ހަމަޖައްސައި ދިނީ އެއާޕޯޓުގެ ޓާމިނަލް މެނޭޖަރު ގާތު މައްސަލަ ޖެއްސުމުންނެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އެމީހުން ހޮޓެލަށް ބަދަލު ކުރީ ފަތިހު 5:30 ހާ އިރެވެ. އެއީ އިއްޔެ ގާތްގަނޑަކަށް މެންދުރުން ފެށިގެން ފެނާއި ކާއެއްޗެއް ނުލިބި ތިބިތާ އެތައް އިރެއް ފަހުންނެވެ.
އަދި ރާއްޖެއަށް ދެވޭނެ ގޮތެއް ސްރީ ލަންކަން އިން އަދި ވެސް ނާންގާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.