ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތިން ވައުދެއް ފުއްދުމަށްޓަކައި ފާސްކުރަންޖެހޭ މުހިންމު ތިން ބިލަކަށް ވޯޓަށް އަހާނެ ފުރުސަތު ނުލިބި، ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު މިއަދު ނިންމާލަން ޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު މިއަދާ ހަމައަށް ދިގުކުރުމަށް މަޖިލީހުން މީގެ ކުރިން ފާސްކޮށް، މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ވަނީ ބާއްވާފައެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)އާއި މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާޢްދާގެ (ބ)އާ ހަވާލާދެއްވައި ވިދާޅުވީ މިއަދަށް އެޖެންޑާކުރެވިފައިވާ ތިން މައްސަލައަށް ވޯޓެއް އެހޭނީ ގާނޫނީ އަދަދު ހަމަވެގެން ކަމަށެވެ.

ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ) އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ބުނާ ގޮތުން، ރައޔްިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައެވެ.

މަޖިލީހުގެ ރައީސް ގާސިމް ވިދާޅުވީ ޖަލްސާގައި އެވަގުތު ހާޒިރުވެ ތިއްބެވީ ރިޔާސަތުވެސް ހިމެނޭގޮތަށް 39 މެމްބަރުން ކަމަށެވެ. ނަމަވެސް ޖަލްސާގައި ވޯޓަށް އެހެން އޮތް ކަންކަމައިގެން ކުރިއަށް ދެވޭނީ 43 މެމްބަރުން ތިއްބަވައިގެން ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެހެންކަމުން މި ވޯޓަށް ނެގޭނެ ފުރުސަތު ނެތް ވާހަކަ އަދި ވޯޓަށް އެހޭނެ ފުރުސަތު ނެތް ވާހަކަ ދަންނަވާލަމުން، މި ދައުރުގެ އެންމެ ފަހު ޖަލްސާ މި ބޭއްވުނީކަމަށް ދަންނަވަމުން މަޖިލީސް ނިންމާލަނީ،" ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުން ގާސިމް އިއުލާނުކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުން ފާސްކުރުމަށް ވޯޓަށް އަހަން ހަމަޖެހިފައި އޮތް އެއް ކަމަކީ މަރުތަކާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ދެ ކޮމިޝަނަށް ބާރުތަކެއް ދިނުމަށް ސަރުކާރުން ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތަށް ފާސްކުރުމެވެ. އެ ބިލަށް ކޮމިޓީ މަރުހަލާގައި ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ.

އެހެން ނަމަވެސް މި ބިލު މަޖިލީހަށް ހުށަހެޅީއްސުރެ ޕީޕީއެމްގެ މެމްބަރުން ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެގޮތުން އެ ބިލަކީ ކުރީގެ ސަރުކާރަށް އަމާޒުކޮށް ފާސްކުރާ ބިލެއް ކަމަށާއި، އަދި އެ ބިލު ގާނޫނު އަސާސީއާ ޚިލާފުކަމަށް ބުނަމުން ގެންދެއެވެ.

ދެވަނަ ކަމަކީ ޕެންޝަން ފަންޑުގައިވާ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދުމަށްޓަކައި، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތަށް މަޖިލީހުން ވޯޓު ނެގުމެވެ.

އަދި ތިންވަނަ ކަމަކީ ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓުކުރުމަށް ބާ ކައުންސިލެއް އުފެއްދުމުގެ މަގްސަދުގައި ސަރުކާރުން ހުށަހެޅި ގާނޫނީ ޚިދުމަތުގެ ބިލު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތާ މެދު މަޖިލީހުން ވޯޓު ނެގުމެވެ.

ޖަލްސާ ކުރިއަށް ދިޔަ ވަގުތު އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ގެންދެވީ މަޖިލީހުގެ ޗެމްބަރުގެ ބޭރުގައި ތިއްބަވައި، ޗެމްބަރުގެ ދޮރު ހުޅުވައިގެން އަޑުގަދަކުރަމުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި ކުރިއަށް ދިޔަ ވަގުތުވެސް ޕީޕީއެމްގެ މެމްބަރުން ޗެމްބަރުގައި އަޑުގަދަކޮށް ހެއްދެވުމުގެ ސަބަބުން ޖަލްސާ މެދުކަނޑާލަން ޖެހުނެވެ.