ވަކި މީހަކު އިސްތިސްނާވުމެއް ނެތި ގާނޫނީ ބާރު އެންމެންގެ މައްޗަށް ހިނގާނެ ކަމަށާއި ކުރެވޭ ތުހުމަތުތަކަށް ހުރިހާ ފާރާތްތަކުން ވެސް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އެހެން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް ޔާމީން އަބްދުﷲގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތަކަށް އެމަނިކުފާނު މިއަދު މެންދުރު ފުލުސް އޮފީހަށް ހާޒިރު ކޮށްފައި ވަނިކޮށެވެ.

ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފް ހޯދުމާއި ރައްޔިތުންގެ މާލިއްޔަތުން ނުހައްގުން ގެއްލިފައިވާ މުއްސަނދިކަން އަނބުރާ ހޯދުމަކީ ބޮޑު އަމާޒެއް ކަމަށެވެ.

އަދި އެކަން ކުރުމަށް ގާނޫނީ ބާރު އެންމެންގެ މައްޗަށް ހިނގާނެ ކަން އިމްރާން ފާހަގަ ކުރެއްވި އެވެ.

"ގާނޫނުގެ ބާރު އެންމެންގެ މައްޗަށް ހިނގާނެ. ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހޭނެ،" އަދާލަތު ޕާޓީގެ ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ އިމްރާން ވިދާޅުވި އެވެ.

އިމްރާން އެހެން ވިދާޅުވެފައިވާ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއްގެ ތަހުގީގަށް އެމަނިކުފާނު މިއަދު 2:00 ޖެހިއިރަށް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގެންފަ އެވެ.

އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކެމްޕޭނުގައި ބޭނުންކުރަން އެކި ގޮތްގޮތުން ލިބުނު ފައިސާގެ މައްސަލަ ބެލުމަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސާ އާއިޝަތު އާޒިމާ ޝަކޫރު ވަނީ ވިދާޅުވެފަ އެވެ.