15 Dec 2018, 14:42
އިދިކޮޅު ޕީޕީއެމްގެ ބައެއް މެންބަރުން އަޑުގަދަކުރުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފިއެވެ.
މިއަދު މެންދުރު 2:00 ޖެހިއިރު ފެށުމަށް ތާވަލުކޮށްފައިވާ ޖަލްސާ ފެށިއިރު ހާޒިރުވެފައިވަނީ 25 މެންބަރުންނެވެ. އަދި ޖަލްސާ ފެށިތާ އިރުކޮޅެއްގެ ތެރޭގައި ބަރުގޮނުގެ އަޑުން މުޅި މަޖިލިސް ތެރޭގައި ވަނީ އަޑު ހިއްޕާލާފަ އެވެ.
މިއަދުގެ މަޖިލީހަށް ވަނީ ސަރުކާރުން އުފައްދާފައިވާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް މަޖިލީހުން ފާސްކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު އިއްވާފައިވާ ސިޓީފުޅު މަޖިލީހަށް އިއްވާފައެވެ. އެ މައްސަލަ ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފޮނުވާފައެވެ.
މިއަދުގެ ޖަލްސާގައި ވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހުންނަށް ރައްކާތެރިކަން ދިނުމާ ގުޅޭ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.
މިއަދުގެ މަޖިލިސް މެދުކަނޑާލީ ޕެންޝަނާ ބެހޭ ބިލް އިޖުތިމާއީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅަމަށް ފަހު ބަހުސަށް ހުޅުވާލުމަށްފަހުއެވެ.
ޕީޕީއެމްގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ނުވެދެ ދޮރުމަތީގައި ތިބެ އަޑަގަދަކުރުމުގެ ސަބަބުން ގާސިމް ވިދާޅުވީ މަޖިލީހުގެ ނިޒާމް ގެއްލޭ ވަރަށް އަޑުގަދަވުމުން މަޖިލިސް މެދުކަނޑާލަން ނިންމީ ކަމަށެވެ.
"މިވަގުތު އަޅުގަނޑު މަޖިލީހުގެ ޖަލްސާ މެދުކަނޑާލާނަން އިނގޭ ތޯ. މެދުކަނޑާލާފައި އަޅުގަނޑު މި މާހައުލު ގާއިމުކުރަން އެބަ ޖެހޭ ކަމަށް ގަބޫލުކުރާތީ މިވަގުތު އަޅުގަނޑު މެދުކަނޑާލީ،" ގާސިމް ވިދާޅުވިއެވެ.