އދ. މަޖިލިސް (އޮކްޓޯބަރ 2) : މިހިނގާ އޮކްޓޯބަރ މަސް ނިމޭއިރު ދުނިޔޭގެ އާބާދީ 7 ބިލިޔަނަށް އަރާނެ ކަމަށް ޔޫއެންއެފްޕީއޭ ން ނެރުނު ތަފާސްހިސާބާބެހޭ ރިޕޯޓެއް ބުނެފިއެވެ. މިރިޕޯޓް ބުނާގޮތުން ދުނިޔޭގައި އަދިވެސް އެންމެ ބޮޑު އާބާދީއެއް އޮތީ ޗައިނާގައެވެ. އެއީ 1.35 ބިލޔަނެވެ. ދެން އިންޑިޔާގައެވެ. އެއީ 1.25 ބިލިޔަނެވެ.

ނަމަވެސް އާބާދީ ކޮންޓްރޯލް ކުރުމުގައި އިންޑިޔާ ނާކާމިޔާބުކަމުން ކުރިޔަށްއޮތް ހައެއްކަ އަހަރު ތެރޭގައި ޗައިނާގެ އާބާދީއަށްވުރެ އިންޑިޔާގެ އާބާދީ މައްޗަށްގޮސް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އަށް އިންޑިޔާ ވެގެންދާނެ ކަމަށް މިރިޕޯޓްގައި ލަފާކޮށްފައިވެއެވެ.

މިރިޕޯޓްގައި ދުނިޔޭގެ އާބާދީއަށް ކުރިމަތިވެފައިވާ ގޮންގެހުންތަކަށް ބަލާލާފައިވެއެވެ. މިގެތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ފަގީރުކަމާއި ހައިހޫނުކަމާއި ހަމަހަމަ ފުރްސަތުތައް ނެތުމާއި ޤުދްރަތީ ވަސީލަތްތައް މަދުވެ ބައެއް ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންނުކުރެވޭތީ ދުނިޔެއިން ނެތި ފަނާވެގެންދާ ދިޔުންފަދަ ކަންކަމުގެ މައްޗަށެވެ. ފަގީރުކަމާއި ހައިހޫނު ކަމަށްބަލާއިރު ދުނިޔޭގައި އެއްބަޔަކު ކާބޯތަކެތި ގިނަވެގެން އުކާލާއިރު އަދި މުއްސަނދިކަން ހައްދުފަހަނަޅާގޮސްފައިވާއިރު އަނެއްބަޔަކު ކާބޯތަކެޗި ނުލިބިގެން ބަނޑަށް މަރުވެ އަދި ފަގީރުކަން އިންތިހާއަށް ގޮސްފައިވާ މަންޒަރު ހާމަކޮށްފައިވެއެވެ.

މިރިޕޯޓްގައި ހައިހޫނުކަން ނައްތާލުމަށާއި ފަގީރުކަން ކުޑަކުރުމުގައި އެހހީތެރިވުމަށް ދުނިޔޭގެ ސަރުކާރުތަކުގެ އިތުރުން މުއްސަނދިންނަށާއި ބޮޑެތި ކުންފުނިތަކަށް އިލްތިމާސް ކޮށްފައިވެއެވެ. -- ރޮއިޓާސް