ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅި ޕީޕީއެމްގެ ސަޕޯޓަރުން އެއްވެފައި ވަނިކޮށް ކާރުކޮޅުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ވަޑައިގެންފިއެވެ.

ޕީޕީއެމްއިން މީގެ ކުރިން ބުނި ގޮތުގައި ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން ނިންމަވާފައި އޮތީ ޕީޕީއެމް އޮފީސް ސަރަހައްދުން ފެށިގެން ފައިމަގުގައި ހިންގަވާފައެވެ.

ނަމަވެސް ރައީސް ޔާމީން ކާރުކޮޅުގައި ދާން ޖެހުނީ އެމްޑީޕީން އެ ސަރަހައްދަށް އެއްވެއް މުޒާހަރާ ކުރުމުން އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ވަނީ ބެލެވިފަ އެވެ.

ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒުރުވާ ގަޑި ކުޑަތަން ވެފައިވަނިކޮށް އެމްޑީޕީ ހަރުގެ ކުރިމަތީގައި ތިބި އެ ޕާޓީގެ ސަޕޯޓަރުން ވަނީ ޕީޕީއެމް އޮފީސް ކުރިމަތިން ހ. ދޫވެހިގެއާ ދިމާލަށް ދިއުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ދެ ޕާޓީގެ ސަޕޯޓަރުން ކުރިމަތިލުމަށް ދިއުމުގެ ކުރިން އެ ސަރަހައްދުގައި ތިބި ފުލުހުން ވަނީ ހުއްޓުވާފަ އެވެ.

ޕީޕީއެމް އޮފީސް ސަރަހައްދަށް އެމްޑީޕީގެ އެކްޓިވިސްޓުންވެސް އެއްވެ މުޒާހަރާކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންކަމުން ރައީސް ޔާމީން އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހިން ފުލުހަށް ވަޑައިގަތީ ކާރުކޮޅުގައެވެ. އެމަނިކުފާނު ފުލުސް އޮފީހަށް ވަޑައިގަތީ އެކު ޕީޕީއެމްގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި އާއިޝަތު އާޒިމާ ޝަކޫރާވެސް އެކުގައެވެ.

ރައީސް ޔާމީން މިހާރު ފުލުސް އޮފީހަށް ވެދެވަޑައިގެންފައިވާ އިރު، ގްރީން ޒޯން ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ.

ނަމަވެސް އެސަރަހައްދާ ދެވޭ އެންމެ ގާތުގައި ގޮސް އެމްޑީޕީގެ ސަޕޯޓަރުން ދަނީ މުޒާހަރާ ކުރަމުންނެވެ.

ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރަނީ އެމަނިކުފާނުގެ އެކައުންޓަށް ވަން ފައިސާތަކެއްގެ މައްސަލައިގައެވެ. ފުލުހުން ބުނި ގޮތުގައި އެ އިދާރާއިން ދަނީ ރައީސް ޔާމީން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގި މައްސަލަ ތަހުގީގުކުރަމުންނެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރައީސް ޔާމީނުގެ ބޭންކް އެކައުންޓްތައްވެސް މިހާރު ވަނީ ފްރީޒްކޮށްފައެވެ.