ބެންގަލޫރު (ޑިސެމްބަރު 15): އިންޑިއާގެ ފައްޅިއަކުން ބަތް ކައިގެން 11 މީހަކު މަރުވެ، ގިނަ އަދަދެއްގެ މީހުން ބަލިވެއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ކަރުނާޓަކާގެ ޗަމަރާޖުނަގަރުގައި ހުންނަ ފައްޅިއެއްގައެވެ. އަދި އެ ބަތް ކެއުމުގެ ސަބަބުން 70 މީހަކު ބަލިވެފައިވާ ކަމަށާއި އޭގެ ތެރެއިން 11 މީހެއްގެ ހާލު ސީރިއަސްކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ހެލްތު އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ބައެއް މީޑިއާތަކުގައިވާ ގޮތުން އެބަތަށް ވިހަ ލާފައިވާކަމަށް ލަފާ ކުރެވެއެވެ. އަދި އެހާދިސާއާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

"އަޅުގަނޑުމެންނަށް ދިން ޓޮމާޓޯ ބަތުގައި ނުބައި ވަހެއް ދުވި. އެ ބަތް އުކާލި މީހުންގެ ހާލު ރަނގަޅު. ނަމަވެސް ބަތް ކޭ މީހުން ހޮޑުލައި ބަނޑަށް ތަދުވާކަމަށް ބުނި،" އިއްޔެ އެފައްޅިއަށް ދިޔަ މީހަކު ބުންޏެވެ.

ކަރުނާޓަކާގެ ޗީފް މިނިސްޓަރު އެޗްޑީ ކުމާރަސުވާމީ ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ފަސް ލައްކަ ރުޕީސް (6،952 ޑޮލަރު) ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.