ކޮލަމްބޯ (ޑިސެމްބަރު 15): ސްރީ ލަންކާގެ ބޮޑުވަޒީރު ކަމަށް މިދިޔަ އޮކްޓޯބަރު މަހު އައްޔަން ކުރި މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރާޖަޕަކްސަ އިސްތިއުފާ ދެއްވީ މިއަދު ގައުމާ މުހާތަބު ކުރެއްވުމަށް ފަހުގަ އެވެ.

ރާޖަޕަކްސަގެ ދަރިކަލުން ނަމާލް އިއްޔެ ކުރެއްވި ޓުވީޓެއްގައިވާ ގޮތުން އޭނާ އިސްތިއުފާ ދެއްވަނީ ގައުމުގެ ހަމަޖެހުމަށްޓަކަ އެވެ. އަދި އެމަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ރައީސް މައިތިރިޕާލާ ސިރިސޭނާއާ އެކު ހަދާފައިވާ ކޯލިޝަން ދެމި އޮންނާނެ އެވެ. ސްލަންކާގެ ބޮޑުވަޒީރު ކަމުން އޮކްޓޯބަރު 26ގައި ވަކި ކުރި ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)އިން ބުނާ ގޮތުގައި އެމަގާމަށް ދެން ވެސް އައްޔަން ކުރާނީ އޭނާ އެވެ. އަދި ވިކްރަމަސިންހަ މާދަމާ ވެރިކަމުގެ ހުވާ ކުރައްވާނެ އެވެ.

ރާޖަޕަކްސަ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވީ، ސިރިސޭނާ މިދިޔަ މަހުގެ ނުވައެއްގައި އެގައުމުގެ ޕާލިމެންޓު އުވާލެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމި ފަހުންނެވެ.

އަދި ރާޖަޕަކްސަގެ ބާރުތައް ހިފަހައްޓަން މިދިޔަ ހަފްތާގައި އެގައުމުގެ އިސްތިއުނާފު ކޯޓުން ނިންމި ފަހުންވެ.

އެއަމުރާ ދެކޮޅަށް ރާޖަޕަކްސަ އާއި އޭނާއަށް ތާއިދު ކުރާ މަޖިލިސް މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަން އެކޯޓުން ވަނީ އިއްޔެ ނިންމާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އިސްތިއުނާފު ކޯޓުގެ އަމުރު ބާތިލު ކުރަން ދެކޮޅު ހަދައިފަ އެވެ.