15 Dec 2018, 11:26
ކޮލޮމްބޯ (ޑިސެމްބަރު 15): މިދިޔަ އޮކްޓޯބަރު މަހު ބޮޑުވަޒީރު ކަމުން ވަކިކުރި ރަނިލް ވިކްރަމަސިންހަ އަނެއްކާވެސް އެމަގާމަށް އައްޔަން ކުރާނެ ކަމަށް ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)އިން ބުނެފިއެވެ.
ވިކްރަމަސިންހަ ނިސްބަތްވެވަޑައިގަންނަވާ ޔޫއެންޕީގެ މަޖިލިސް މެމްބަރު ޑރ. ރާޖިތަ ސޭނާރަތުނަ ވިދާޅުވި ގޮތުގައި މާދަމާ ހެނދުނު ވިކްރަމަސިންހަ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނެއެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ބޮޑުވަޒީރު ކަމަށް ވިކްރަމަސިންހަ އަނެއްކާވެސް އައްޔަންކުރަން ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމެވީ ބުރާސްފަތި ދުވަހު އޭނާއާއި އެގައުމުގެ ޕާލަމެންޓުގެ ރައީސް ކަރު ޖަޔަސޫރިޔާއާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.
މީގެ އިތުރުން ކޮލަމްބޯ ޕޭޖުގައިވާ ގޮތުން އަންނަ ހޯމަ ދުވަހު އާ ކެބިނެޓެއް އައްޔަނުކުރާނެއެވެ. އެ ކެބިނެޓުގައި ހިމެނޭ 30 މެމްބަރުންގެ ތެރޭގައި ސިރިސޭނާގެ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)އަށް ނިސްބަތްވާ ހަ މަޖިލިސް މެމްބަރުންވެސް ހިމެނޭނެ އެވެ.
މިދިޔަ އޮކްޓޯބަރު 26ގައި ސިރިސޭނާ ވަނީ ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރު ކުރެއްވުމަށް ފަހު އެމަގާމަށް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވާފަ އެވެ. އަދި މިދިޔަ މަހުގެ ނުވައެއްގައި އެގައުމުގެ ޕާލިމެންޓު އުވާލައްވާފަ އެވެ.
ނަމަވެސް މިދިޔަ ހަފްތާގެ ބުދަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ސިރިސޭނާ ޕާލިމެންޓު އުވާލެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އިއްޔެ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ވަނީ މިއަދު ގައުމާ މުހާތަބު ކުރެއްވުމަށް ފަހު ރާޖަޕަކްސަ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.