15 Dec 2018, 10:13
ސްޓިކްހޮމް (ޑިސެމްބަރު 15) : ސްވިޑްންގައި ނިމުނު ޔަމަންގެ ސުލްހައިގެ ވާހަކަތަކަށް ލިބުނު ކުރިއެރުންތަކާއި ހުދައިދާގައި ހަނގުރާމަ ހުއްޓާލުމަށް ޔަމަންގެ ސަރުކާރާއި އިދިކޮޅު ހޫޘީ ޖަމާއަތުން އެއްބަސްވި އެއްބަސްވުމަށް އީރާނާއި ސައޫދީ އަރަބިޔާއިން މަރްހަބާ ކިޔައިފި އެވެ.
މި ކުރިއެރުންތަކަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ބަހްރާމް ގާސިމީ ވިދާޅުވީ ޔަމަންގައި ސުލްހަ ގާއިމް ކުރުމަށް ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރާއި ހޫޘީ ޖަމާއަތުން ވި އެއްބަސްވުމަށް އީރާނުން މަރްހަބާ ކިޔާ ކަމަށާއި އެކަންދެމެހެއްޓުމަށް އެދޭކަމުގަ އެވެ.
ސައޫދީ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސްއެޖެންސީ ބުނީ ޔަމަންގެ ޝަރުއީ ސަރުކާރާއި ހޫޘީ ޖަމާއަތުން ވެފައިވާ އެއްބަސްވުމަށް ސައޫދީ ސަރުކާރުން މަރްހަބާ ކިޔާކަމަށާ އެ އެއްބަސްވުން ދެމެހެއްޓުމަށް ސައޫދީ އާއި އަރަބި ކޯލިޝަންގައި ހިމެނޭ އެހެން ގައުމުތައް އެއްބާރުލުން ދޭނެކަމުގަ އެވެ. އދ. މެދުވެރިއެއްގެ ބައި އަދާކޮށްގެން ސްވިޑްންގައި ކުރިޔަށްގެން ދިޔަ ޔަމަންގެ ސުލްޙައިގެ ވާހަކަތައް ނިންމާލީ މިދިޔަ ބުރާސްފަތު ދުވަހު އެވެ. ނިންމުމުގެ ރަސްމިއްޔާތަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރެސް އާއި ސްވިޑްންގެ ޚާރިޖީ ވަޒީރު ޙާޒިރުވެ ވަޑައިގެންނެވި އެވެ.
ޔަމަންގެ ސުލްޙައިގެ ވާހަކަތަކުގައި ޔަމަންގެ ސަރުކާރާއި ހޫޘީ ޖަމާއަތުން އެއްބަސްވި ކަންކަމުގެ ތެރޭގައި ޔަމަންގެ ބަނދަނރު ރަށެއްކަމަށްވާ ހުދައިދާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާއި ވެރިރަށް ސަންޢާގެ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ހުޅުވުމާއި ހަނގުރާމައިގެ އަސީރުންގެ ތެރެއިން 16 ހާސް މީހުން މިނިވަން ކުރުމާއި ހާލުގައި ޖެހިފައިވާ ޔަމަންގެ އެތަށް ލިމިޔަން ބަޔަކަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދީ މަގުފަހިކޮށްދިނުން ހިމެނެ އެވެ. މީގެއިތުރުން ޔަމަންގެ މައްސަލައަށް ސިޔާސީ ހައްލެއް ގެނައުމަށް ޓަކައި ހުރިހާ ފަރާތްތަކެއް ގުޅިފައިވާ ވަތަނީ އެއްބައިވަންތަ ކަމުގެ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.
ޔަމަންގެ ސުލްހައިގެ ވާހަކަތައް ނިންމާލައި ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރާނީ އަންނަ ޖަނަވަރީ މަހުގެ ކުރީކޮޅު ސްވިޑްންގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްޙައިގެ ވާހަކަތައް ކާމިޔާބުވެއްޖެނަމަ އެވެ. އެ ވާހަކަތަކުގެ ބޭނުމަކީ މިބުރުގައި އެއްބަސްވުމަކަށް ނާދެވި ހުރި މައްސަލަތަކާ މެދު މަޝްވަރާކޮށް އެއްބަސްވުމަކަށް އައުމެވެ.
ޔަމަންގެ ހަނގުރާއަކީ އެމެރިކާ އަޑީގައި އޮވެގެން ޔޫއޭއީ އާއި ސައޫދީ ލައްވައި ކުރުވާ ހަނގުރާމައެއް ކަމަށް ހޫޘީ ޖަމާއަތުން ބުނެއެވެ. ޔަމަންގެ ސަރުކާރުން ބުނަނީ ހޫޘީ ޖަމާއަތް މެދުވެރިކޮށް ޔަމަނަށް ބާރާއި ނުފޫޒު ފޯރުވަން އީރާނުން މަސައްކަތް ކުރާ ކަމުގަ އެވެ.
އެމެރިކާގެ ފަންނީ އެހީތެރިކަމާނުލައި ހަފްތާއެއްވަންދެން ވެސް ސައޫދީ އާއި ޔޫއޭއީ އަށް ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ނުކުރެވޭނެ ކަމަށް އަސްކަރީ ތަޖްރިބާކާރުން ބުނެ އެވެ. ޔަމަންގެ ހަނގުރާމައަށް ހަތަރު އަހަރު ވާން ގާތްވެފައިވާއިރު ވެސް އެމެރިކާގެ ސީދާ އެހީތެރިކަމާ އެކު ހަނގުރާމަކުރާ ސައޫދީ އާއި ޔޫއޭއީ ހިމެނޭ އަރަބި ކޯލިޝަނަށް ހޫޘީ ހަނގުރާމަވެރިން ބަލިކުރެވިފައެއް ނުވެ އެވެ. (އަލްޖަޒީރާ)