މިދިޔަ 10 އަހަރެއްހާ ދުވަހު ގައުމީ އެއާލައިން މޯލްޑިވިއަންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި އެ ހެންކަމުން މިވަގުތުގެ އަމާޒަކީ އެ އާލައިނުން ދޭ ޚިދުމަތުގެ ފެންވަރު ބޮޑުތަނުން ރަނގަޅުކުރުން ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސްގެ އާ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވެއްޖެ އެވެ.

އައިއޭއެސްގެ މެނޭޖިންގް ޑިރެކްޓަރުކަމާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި މުހައްމަދު ރިޒްވީ "ސަން"އަށް ވިދާޅުވީ މިދިޔަ 10 އަހަރެއްހާ ދުވަހު މޯލްޑިވިއަންގެ ވަރަށް ގިނަ ކަންކަމަށް މެނޭޖްމެންޓުން ވަނީ އިހުމާލުވެފައި ކަމަށެވެ.

ރިޒްވީ ވިދާޅުވި ގޮތުގައި، ކުންފުނީގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށާއި ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ވަރަށް ބޮޑަށް އިހުމާލުވެފައިވެ އެވެ. އަދި ހަމައެކަނި އެއާލައިނުގެ ފްލީޓު ބޮޑުކުރުމަކީ ކުންފުނި ތަރައްގީވުން ނޫންކަމަށް ވިދާޅުވި އެވެ.

"ފްލީޓު ވަރަށް ބޮޑަށް އިތުރުކޮށްފައި އޮތީ. އެކަމަކު އެއަކާ ހެދި ކުންފުނީގެ އިންފްރާސްޓްރަކްޗަރަށް އެއްވެސް ކުރިއެރުމެއް ނާދޭ. ނެގްލެކްޓްކޮށްފައި [އިހުމާލުވެފައި] އޮތީ،" ރިޒްވީ ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފީސް މިހާރު ހިންގަނީ މާފަންނުގެ ރަސްފަންނު ކައިރީގައި ހުންނަ ރައިވެރިގެ އިމާރާތުގަ އެވެ. އަދި އެ ކުންފުނީގެ ބައެއް އޮފީސްތައް ރައިވެރިގެއާ ޖެހިގެން އޮންނަ ދާރުލްއީމާން އިމާރާތުގައި ވެސް ހިންގަ އެވެ.

ރިޒްވީ ވިދާޅުވީ އޭނާ ކުންފުންޏަށް ހަވާލުވެ އެންމެ ބޮޑަށް އަމާޒުކުރާނީ ކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އިންފްރާސްޓްރަކްޗާ ރަނގަޅުކުރުމަށް ކަމަށެވެ.

"މިއީ ޑިޖިޓަލް ޒަމާން. ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ރީޗުވާނެ ގޮތެއް [ހޯދާނަން]. އަދި އިންފްރާސްޓްރަކްޗާ ރަނގަޅުކުރަން ޖެހޭ، އަދި ކުންފުނީގެ މުވައްޒަފުން މަސައްކަތްކުރާނެ ރަނގަޅު މާހައުލެއް ވެސް ގާއިމުކޮށްދޭން އެބަ ޖެހޭ،" ރިޒްވީ ވިދާޅުވި އެވެ.

ގައުމީ އެއާލައިނުގެ ފްލީޓުގައި މިހާރު އޮންނަނީ އެއާބަސްގެ ދެ ބޯޓާއި، ބޮމްބާޑިއޭ ޑޭޝް8 މަރުކާގެ 10 ބޯޓުގެ އިތުރުން ސީޕްލޭންގެ ގޮތުގައި ބޭނުންކުރާ 11 ބޯޓެވެ.