01 Oct 2011, 21:11
ސިރްތު (އޮކްޓޯބަރ 1) : ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ސަރުކާރުގެ ރަސްމީ ތަރްޖަމާން ޑޮކްޓަރ މުސާ އިބްރާހީމް، ހައްޔަރު ނުކުރެވޭ ކަމަށް ލީބިޔާގައި ވެރިކަންކުރާ އިންތިޤާލީ މަޖިލީހަށް ނިސްބަތްވާ މިސްރާތާގެ ޢަސްކަރީ މަޖިލީހުން ބުނެފި އެވެ.
އެމަޖިލީހުން ބުނިގޮތުގައި މޫސާ އިބްރާހީމް ހައްޔަރުކުރެވިއްޖެ ކަމަށްބުނެ ހަނގުރާމަވެރިންގެ ފީލްޑް ކޮމާންޑަރެއް ކަމަށްވާ މުސްތަފާބިން ދަރްދުފް ދެއްވާފައިވާ ބަޔާނަކީ ތެދު ބަޔާނެއްނޫން ކަމަށާއި ގައްޒާފީއެކޭ އެއްގޮތަށް މޫސާ އިބްރާހީމްވެސް އަދި އުޅުއްވަނީ ފިއްލަވައިގެން ކަމަށާއި އޭނާ އުޅުއްވާތަނެއް ނޭންގޭ ކަމުގައެވެ. މޫސާ އިބްރާހީމް ހައްޔަރު ކުރެވިއްޖެކަމަށް ވިދާޅުވެ މިދިޔަ ހުކުރުދުވަހު މުސްތަފާބިން ދަރްދުފް ބަޔާނެއް ދެއްވީ މޫސާ އިބްރާހީމްގެ ޢާއިލާގެ ބައެއް މެންބަރުން ސިރްތުގެ ރައްބޭރުގައި ހައްޔަރުކުރެވުމަށްފަހުގައި ކަމަށްވެސް ސިރްތު ސަރަޙައްދު ނިސްބަތްވާ މިސްރާތާގެ ޢަސްކަރީ މަޖިލީހުން ބުނެ އެވެ.
މޫސާ އިބްރާހީމް ހައްޔަރުކުރީ ލީބިޔާގެ އައްސޭރިފަށުގެ ރަށެއްކަމަށްވާ ސިރްތުގެ ރައްބޭރުގައި އަންހެނެއްގެ ހެދުމުގައި ފިއްލަވައިގެން އުޅުއްވަނިކޮށް ކަމަށް ހަނގުރާމަވެރިންގެ ފީލްޑް ކޮމާންޑަރެއް ކަމަށްވާ މުސްތަފާބިން ދަރްދުފް ވިދާޅުވެފައިވަނީ މިދިޔަ ހުކުުރުދުވަހު އޭނާ ބޭރުގެ ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައެވެ.
މޫސާ އިބްރާހީމަކީ ގައްޒާފީއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ޖަރުމަނު އަންހެނާ ކައިވެނި ކުރައްވައިގެން އުޅުއްވާ މޫސާ އިބްރާހީމަކީ ލީބިޔާގެ ރައްޔިތެއްގެ އިތުރުން އިނގިރޭސި ޕާސްޕޯޓްވެސް އޮންނަ އިނގިރޭސި ރައްޔިތެއްވެސް މެއެވެ. މިދިޔަ އޮގަސްޓްމަހުގެ 23 ވަނަ ދުވަހު ލީބިޔާގެ ހަނގުރާމަވެރިން ޓްރިޕޮލީއަށް ވަދެ ގައްޒާފީގެ ސަރުކާރު ވައްޓާލަންދެން މުސާ އިބްރާހީމް ހުންނެވީ އެސަރުކާރުގެ ތަރްޖަމާނެއްގެ ގޮތުގައެވެ.
އަނެއްކޮޅުން ގައްޒާފީއަށް ވަފާތެރި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިއޮތް ސިރްތު ހިފުމަށްޓަކައި ލީބިޔާގެ ޢަސްކަރީ މަޖިލީހަށް ނިސްބަތްވާ ހަނގުރާމަވެރިން ވަރުގަދައަށް ހަނގުރާމަ ކުރަމުން ގެންދާކަމަށް ޚަބަރުތައް ބުނެއެވެ. މީގެ ދެދުވަސް ކުރިން ސިރްތުގެ އެއަރޕޯޓްވަނީ ހަނގުރާމަވެރިން އަތްދަށަށް ގޮސްފައެވެ. ސިރްތުގައި ހަނގުރާމަ ހިނގަމުންދާތީ އެރަށުގެ ޢާންމުންދަނީ ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ރައްތަކަށް ހިޖްރަކުރަމުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް+އަލްޖަޒީރާ)