01 Oct 2011, 20:06
ދުނިޔޭގައި މިއަދު ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ އެކި ހަފްލާތަކާއި ހަރަކާތްތަކުގައި އެމީހުންނާ މެދު އަޅާލައި، ގަދަރު ދިނުމުގެ މުހިންމު ކަމުގެ ވާހަކަދައްކަމުން ދާއިރު މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީން ދިނީ ހިތާމަވެރި ހަބަރެކެވެ؛ ރާއްޖޭގައި މިއަދު މައިންބަފައިން ބެލެހެއްޓުމަކީ ދަރިންނަށް ބުރައަކަށްވެ، އެމީހުން ގެއިން ނެރެ، އެއްލާލަނީ އެވެ.
ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން ދުވަސްވީ މީހުންނަށް މުޖުތަމައުގައި މިއަދު ދެވޭ ގަދަރާއި އިއްޒަތް، އަދި އާއިލާތަކުން ދޭ އަހަމިއްޔަތު ވަނީ ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފަ ކަމަށެވެ. އަދި އަމިއްލަ މައިންބަފައިން ބެލުމަކީ ބައެއް ދަރިންނަށް ބުރައަކަށްވެ، އެމީހުން މަގުމަތިކޮށްލާފައިވާ ކަމަށް ވެސް ހެލްތުން ބުންޏެވެ.
"ތިމާގެ އުމުރުން ދުވަސްވީ މައިންބަފައިން ބެލެހެއްޓުމަކީ ބުރައަކަށްވެ، އެމައިންބަފައިން ގެއިން ނެރެ، އެއްލާލާ، ހޮސްޕިޓަލު ނުވަތަ ގުރައިދޫ މަރުކަޒު ފަދަ ތަންތަނަށް ފޮނުވާލާފައިވާ މީހުންވެސް ގިނަވަމުން އެބަދެ އެވެ،" ހެލްތުން ބުންޏެވެ.
މިހާރުވެސް ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި އުމުރުން ދުވަސްވީ 45 މީހަކު އެބަތިބި ކަމަށާއި އެމީހުންނާ ހަވާލުވާން ގިނަފަހަރު އާއިލާތަކުން ބޭނުން ނުވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަދި ސަރުކާރުން 65 އަހަރު ވެފައި ތިބި ފަރާތްތަކަށް އެލަވަންސް ދެމުންދާއިރު ބައެއް އާއިލާތަކުން އެ އެފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ވެސް ހެލްތު މިނިސްޓްރީން މިއަދު ބުންޏެވެ.
ރާއްޖޭގެ އާބާދީގައި 60 އަހަރުން މަތީގެ 19،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އޭގެ ތެރެއިން 8000އެއްހާ މީހުންނަކީ މިހާރުވެސް އާމްދަނީ ހޯދުމަށް މަސައްކަތްކުރާ މީހުންނެވެ.