މިހާތަނަށް ހައްލެއް ގެނެވިފައި ނުވާ އެއް މައްސަލައަކީ މާލޭގެ މަގުތަކާއި އެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރުގެ މައްސަލައެވެ. ޝަކުވާއާއި ނުތަނަވަސްކަން އުތުރިއަރާ ފަދަ މައްސަލައެކެވެ. ޝަކުވާއަށް ނިމުމެއް ނެތެވެ.

ކުރީގެ ސަރުކާރުން މާލޭގެ މަގުތަކަށާއި ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތައް ގެނައެވެ. ހާއްސަކޮށް ޗާންދަނީ މަގުން ފެށިގެން ޖުމްހޫރީ މައިދާން ސަރަހައްދާ ހަމައަށް ހުރި ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތަކެވެ. ބައެއް މީހުންނަށް މާ ހިތްގައިމު ނުވި ނަމަވެސް ގިނަ ރައްޔިތުން އެ ބަދަލުތަކާ ގަޔާވިއެވެ. ހާއްސަކޮށް ތޮއްޖެހިފައިވާ މާލޭގައި ހަމަނޭވާ ލެވޭނެ ގޮތަކަށް އިސްލާމީ މަރުކަޒު ސަރަހައްދު ތަރައްގީކުރުމާއި ބައެއް މަގުތަކަކީ ހަމައެކަނި ހިނގާ މީހުންނަށް ހާއްސަ (ޕެޑެސްޓްރިއަނައިޒްޑް) މަގުތަކަކަށް ހަމަޖެއްސުމެވެ.

މެދުޒިޔާރަތްމަގުން ޖުމްހޫރީ ބިނާ ނަގައި، އެހިސާބުން ފެށިގެން ޗާންދަނީ މަގާ ހަމައަށް މާބްލް ޖަހައި، ޕެޑެސްޓްރިއަނައިޒްކުރުމުން ގިނަ ބަޔަކަށް އެސަރަހައްދު ކަމުދިޔައެވެ. އިސްލާމީ މަރުކަޒުގެ ފާރު ތަޅާލައި، މުޅި އެ ސަރަހައްދު ހުޅުވާލުމާއެކު ބޮޑު ޖަމާއަތުގައި ނަމާދުކުރުމަށާއި ދީނީ އެއްވުންތައް ބޭއްވޭނެ މަގު އެތަނުގައި ފަހިވިއެވެ.

އަމީރު އަހްމަދުމަގު ތަޅާލުން

ފުލުހުންނާއި ސިފައިންގެ މައި މަރުކަޒު ކައިރީގައި، އަދި މިސްކިތަކާއި ޕާކެއްގެ ދެމެދުގައި އޮންނަ މި މަގު މިފަދައިން ހަމަޖެއްސުމުން ގިނަ ބަޔަކަށް ހިތްހަމަޖެހުން ގެނުވިއެވެ.

މި ސަރަހައްދު ބަންދުކުރުމުން އެންމެ ރުޅިގަދަވީ ޓެކްސީ ޑްރއިވަރުންނެވެ. އެމީހުންގެ ޝަކުވާއަކީ ދަތުރު ދިގުވުމާއި ތޮއްޖެހުން ބޮޑުވުމެވެ. އެ އަޑުތައް މަޑުވެ، އިސާހިތަކު ބާރުވެގެން އަނެއްކާ އައީ އާ ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން މާލޭގައި ބޭއްވި "ޖަޒީރާ ހޮޅުއަށި" ބައްދަލުވުމުގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި ޑްރައިވަރުންގެ ފަރާތުން، މެދުޒިޔާރަތްމަގާއި އަމީރު އަހްމަދުމަގު، ނުވަތަ އެ ދެ މަގުގެ ތެރެއިން ކޮންމެވެސް އެއް މަގެއް ހުޅުވައިދިނުމަށް ރައީސްގެ ކިބައިން އެދުނެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ފުރަތަމަ މަސް ތެރޭގައި، އަމީރު އަހްމަދުމަގުގައި ބަންދުކޮށްފައި ހުރި ސަރަހައްދުގައި ހުރި މާބްލްތަކާއި ސިމެންތި ތަޅުންގަނޑު ތަޅާލައި ނިންމާލައިފިއެވެ. އަދި އެ ސަރަހައްދު ކުރިއެކޭވެސް އެއްގޮތަށް އާންމު ޓްރެފިކަށް ހުޅުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ މަގު ހުޅުވުމުން ދެން ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތައްވެސް ޓްރާންސްޕޯޓު އޮތީރިޓީ އިން ވަނީ ނޫސްވެރިންނާ ހިއްސާ ކޮށްފައެވެ.

އިސްލާމީ މަރުކަޒު ކައިރިން އަމީރު އަހްމަދު މަގު ހުޅުވަލުމުގެ ގޮތުން އެސަރަހައްދުގައި ޖަހާފައިވާ މާބްލްތައް ތަޅާލުމުގެ މަސައްކަތް ކުރިއަށްދަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުރީގައިވެސް އޮތްގޮތަށް ޗާންދަނީމަގާއި ލިލީމަގާއި ކުޑައާދަމް ކުޑަތުއްތުހިނގުމާއި އަމީރު އަހްމަދުމަގުގެ ޓްރެފިކް ފްލޯ އިޔާދަކުރަން ވަނީ ނިންމާފައެވެ. އެއީ ހުޅަނގުން އިރަށް ދުއްވޭގޮތަށް ލިލީމަގާއި އަމީރު އަހްމަދުމަގު ބަދަލުކުރުމާއި، ޗާންދަނީމަގުގައި ދެކޮޅަށް ދުއްވޭ ސަރަހައްދު އެއްކޮޅަށް ދުއްވާގޮތަށް ބަދަލުކުރުމާއި، ލިލީމަގުން މެދުޒިޔާރަތްމަގަށް ދެވޭގޮތަށް ކުޑަ އާދަމް ކުޑަތުއްތުހިނގުމުގެ ފްލޯ ބަދަލުކުރުމެވެ.

މެދުޒިޔާރަތްމަގުގެ މާބްލް ތަޅާލައި، ޓްރެފިކަށް ހުޅުވާލަނީ!

"ސަން"އަށް އެނގިފައިވާ ގޮތުގައި ޓްރާންސްޕޯޓު މިނިސްޓްރީން ދަނީ މެދުޒިޔާރަތްމަގުގައި ޖަހާފައިވާ މާބްލްތައްވެސް ތަޅާލައި، އެ މަގު ޓްރެފިކަށް ހުޅުވާލަން ނިންމާފައެވެ. އަދި ވަކި ވަގުތެއްގައި ބަރު އުޅަނދުފަހަރަށް އެތަނަށް ނުވަދެވޭގޮތަށް ކަނޑައަޅާށެވެ.

މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ އެނަލައިޒްކޮށް އަދި ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ހުޅުވަންޖެހޭ މަގުތައް ހުޅުވާލުމުގެ ވައުދު ފުއްދުމުގެ ގޮތުން މެދުޒިޔާރަތްމަގު ޕެޑެސްޓްރިއަނައިޒްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަ އިރު، އެކަމުގައި އާންމުންގެ ހިޔާލު ހުރި ނެތްގޮތް ބަލާލުން މާ މުހިންމެވެ. މަގަކީ އުޅަނދުފަހަރު ދުއްވާ މީހުންނެކޭ އެއްފަދައިން ހިނގާ މީހުންވެސް ބޭނުންކުރާ ތަނަކަށް ވާ އިރު، މަގު ބޭނުންކުރާ އެންމެންގެ ހިޔާލަށް މިކަމުގައި ރިއާޔަތްކުރަންޖެހެއެވެ.

އިސްލާމީ މަރުކަޒު ކައިރީގައި މާބުލް ޖެހި ސަރަހައްދު ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

"މަގުތައް ހުޅުވާ ފަސޭހަކޮށްދޭންވީ ހަމައެކަނި ޓެކްސީ ދުއްވާ މީހުންނަށް އެކަނިތޯ؟ ހިނގާ ބިނގާވެ އުޅޭ ކުޑަކުދިންނާ ބޮޑެތި މީހުން އަދި މުސްކުޅިންގެ އަދަދު ނިސްބަތުން މާ ގިނަވާނެ ތިޔަ ދުއްވާ މީހުންނަށް ވުރެ.. މާ ފަސޭހަކޮށް ދެއަތް ހޫރާފަ އެެހެން މަގުތަކުގަ ހިނގާފަ ބަގީޗާއަށް އަޅުގަނޑުމެން މިދަނީ.. އެ ހިސާބަށް ދެވުނީމަ ރައްކާތެރިކަމާ ހިތްހަމަޖެހުމާއެކު ކުދިން މިނިވަންކަމާ އެކު ކުޅެލަން ދޫކޮށްލެވޭ.. އެކަމަކު އެފުރުސަތުވެސް ތިޔަ ބަންދުވީ.. މިދެމަގު ނުހުޅުވާ ހަމަ ވާން ނެތީބާ.." ސަންގައި މި މައުޟޫއަށް ް ކިޔުންތެރިއަކު ކޮމެންޓުކުރިއެވެ.

އޯގަސްޓް 21، 2017: ސަލްޓަން ޕާކު ތަރައްގީ ކުރުމަށްފަހު "ރަސް ރަނި"ގެ ނަމުގައި އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމާން، މަޑުމައިތިރި މާހައުލެއް ކަމުގައިވާ މެދުޒިޔާރަތްމަގުގެ މާބްލް ޖެހި ސަރަހައްދު ތަޅާލައި، މަގުގެ ގޮތުގައި އެތަން ހުޅުވާލުމާއެކު އެސަރަހައްދުގެ އަމާންކަން ގެއްލޭނެއެވެ. އަޑުގަދަވެ، ހިތްފަސޭހަކަންވެސް ނެތިދާނެއެވެ.

ހާސިލުވަނީ ކޮން ކަމެއް؟

ވާތު ފިޔައިގެ ސިޔާސީ ހަރަކާތް "ނަވާނަވައި"ގެ ތަރުޖަމާނު ފަތިމަތު ސާއިރާ "ސަން"އަށް ވިދާޅުވީ، ޓްރެފިކުގެ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ މިފަދަ ބަދަލެއް ގެނައުމަކީ މުހިންމު ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.

"ޕޮލިސީއެއް އެ ހަދަނީ. އެ ޕޮލިސީއިން އިސްކަން ދެނީ އުޅަނދުފަހަރު ދުއްވާ މީހުންނަށް އެހެން ހެދީމަ ކުޑަކުދިން ގޮވައިގެން ވަގުތު ހޭދަކުރަން އެތަނަށް ދާ މީހުންނަށް އެއްވެސް ވަރަކަށް ނުބަލަނީ. ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއް އިޖްތިމާއީ ކަންކަމުގައި ދިމާ އިދިކޮޅަށް އިސްކަން ދިނުން. މިހާރު އެހެން އެ ހަދަނީ،"

އިސްލާމީ މަރުކަޒުގެ ހަރިންމައަށް ވާ ސަރަހައްދުގައި ޖަހާފައިވާ މާބްލްސްތަކުގައި ރެނދުލާފައި -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މީގެ އިތުރުން މި ބަދަލު ގެނެސްގެން ހާސިލުވާނީ ކޮން ކަމެއްތޯ އޭނާ ސުވާލު އުފެއްދިއެވެ.

"މިހާރު އޮތް ގޮތުން ވަރަށް ބޮޑު އެއްޗެއް އެބަ އެޗީވްވޭ [ޕެޑެސްޓްރިއަނައިޒްޑް] ސަރަހައްދު ބޭނުންކުރާ މީހުންނަށް. އެކަމަކު މި ބަދަލު ގެނެސްގެން ޓްރެފިކަށް މާ ބޮޑު ކުރިއެރުމެއްވެެސް ލިބޭނެހެން ހިއެއް ނުވޭ. މައްސަލައާ އަޅާ ބަލާފައި ހައްލެކޭ ކިޔާފައި ކުރާ ވަރުގެ ކަމެއް ނޫން މިއީ،" ސާއިރާ ވިދާޅުވިއެވެ.

އިސްރާފު؟

މިހާރުވެސް ގިނައިން މި އިވެނީ ދައުލަތުގެ ޚަޒާނާގައި ފައިސާ ނެތް ވާހަކައެވެ. މަދަނީ ޚާދިމުންނަށް މުސާރަ ދެވޭނޭ ފަދަވެސް ޚަޒާނާގައި ނެތް ވާހަކައެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ދައުލަމުތެ ޚަޒާނާއިން ބޮޑު ޚަރަދުތަކެއް ކޮށްގެން ކުރަން ޖެހޭނީ ރައްޔިތުންނަށާއި ދައުލަތަށް ފައިދާވާނޭ ފަދަ މުހިއްމު ކަންކަމެވެ.

އިސްލާމީ މަރުކަޒުގެ ގޯތި ތެރެއާއެކު، އެތަނާ ގުޅިފައިވާ ބައެއް މަގުތައް ހިމެނޭހެން 4200 އަކަ މީޓަރުގެ ސަރަޙައްދެއްގައި މާބުލް ޖަހާފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބުނު 1.2 މިލިއަން ޑޮލަރާއެކު، ދައުލަތުގެ ބަޖެޓުން ފަސް މިލިއަން ރުފިޔާ ޚަރަދުކޮށްނެވެ.

މިއީ އީދު ނަމާދާއި ހުކުރު ނަމާދުތަކުގައި އިސްލާމީ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށާއި، ދީނީ ދަރުސް ދިނުމާއިދީނީ އެކި އެއްވުންތައް އަދި ހަރަކާތްތައް ބާއްވައި އާއިލާތަކާއި ކުޑަކުދިންގެ ހިތްހަމަ ޖެހުމަށް ކުރި ކަމެކެވެ.

އެއް ސަރުކާރުން ރައްޔިތުންގެ ހިތްހަމަޖެހުމާއި ރަނގަޅަށް ކުރި ކަމެއް އަނެއް ސަރުކާރުން އައިސް ރޫޅައި ސުންނާފަތިކޮށްލުމަކީ ތަރައްގީގައި ފަހަތަށް އުޅޭ ފިޔަވަޅެއް ކަމުގައި ބެލެވިދާނެއެވެ. ޚާއްސަކޮށް ސިޔާސީ ޖަޒުބާތުވގައި ޖެހި، ކުރިން ރަނގަޅަށް ކޮށްފައި ހުންނަ މަސައްކަތްތައް އަނބުރާ އެހެންގޮތަކަށް ބަދަލުކުރުމަކީ ރައްޔިތުންނަށް ދެވޭ ބޮޑު ގެއްލުމަކަށް މެނުވީ ނުވާނެއެވެ. އެއީ ދައުލަތުގެ ޚަޒާނާއިން ކުރެވޭ ބޮޑުވެގެންވާ އިސްރާފެއްވެސް މެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ ކަންތަކުގެ ތެރޭގައި މާލޭގެ މަގުތަކުގެ މުޅި ޓްރެފިކް ފްލޯ އެނަލައިޒްކޮށް ގެންނަން ޖެހޭ ބަދަލު ގެނެސް، ހުޅުވަން ޖެހޭ މަގުތައް ހުޅުވަން ނިންމާފައިވީނަމަވެސް، މެދުޒިޔާރަތްމަގުގެ ޕެޑެސްޓްރިއަނައިޒްކުރުމަށް ކުރި ހަރަދު އިސްރާފު ވާނޭހެން ކަން ކުރުމަކީ، އަދި އެތަން އާންމު ޓްރެފިކަށް ހުޅުވާލުމަކީ އޯކޭ ކަމެއްކަމުގައި ނުބެލެވޭނެއެވެ. އަދި މިއީ އިޖުތިމާއީ ނަޒަރަކުން ބަލައި ވިސްނުމަށްފަހު މިހާރުން މިހާރަށް ބަދަލު ކުރަންޖެހިފައިވާ ނިންމުމެކެވެ.