ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް މާދަމާ ހާޒިރުވުމަށް އެންގީ ރިޔާސީ އިންތިހާބެ ދުވަސްވަރު ކެމްޕޭނުގައި ބޭނުންކުރަން އެކި ގޮތްގޮތުން ލިބުނު ފައިސާގެ މައްސަލަ ބެލުމަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ރައީސްކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ޔާމީން ހިންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދައުލަތުގެ އިދާރާތަކުން ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ރޭ ވަނީ ހާމަކޮށްފައެވެ.

އަދި މާދަމާ މެންދުރު 2:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޔާމީނަށް ޗިޓުވެސް ވަނީ ހަވާލުކޮށްފައެވެ.

ޔާމީނުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި އާޒިމާ މިއަދު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއެއްގައި ވިދާޅުވީ، ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އެމަނިކުފާނުގެ އެކައުންޓަށް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ފައިސާ ވަދެފައިވާތީ އެ މައްސަލަ ބެލުމަށް ކަމަށެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.

އާޒިމާ މިއަދު ވިދާޅުވީ ފައިސާ ވަން ކަމަށް ބުނާ އެކައުންޓަކީ ރިޔާސީ އިންތިހާބުގެ ގާނޫނީ އޮނިގަނޑުގައިވާ ގޮތުން، އިލެކްޝަންސް ކޮމިޝަނަށް ޔާމީން ޑިކްލެއާކުރެއްވި އެކައުންޓް ކަމަށެވެ.

"އެ އެކައުންޓަށް ޖަމާކުރެވިފައިވަނީ އިންތިހާބުގައި ބޭނުންކުރައްވަން އެކި ގޮތްގޮތުން ލިބިވަޑައިގެންނެވި ފައިސާ،" އާޒިމާ ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީވެސް މީގެ ކުރިން ވަނީ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން މި މައްސަލަ ހުށަހެޅިކަން އެނގިވަޑައިގަތުމުން މަރުކަޒީ ބޭންކުގެ ގަވަރުނަރަށް ޔާމީން ފޯނުކުރައްވައި، އޭގެ މައުލޫމާތު ހޯއްދެވިކަމަށް ވިދާޅުވެފައެވެ.

"އެފްޔޫއައި އިން ސިޓީއެއް ފުލުހަށް ފޮނުވީ ގަވަރުނަރަށް އެނގިވަޑައިގެން ނޫން ކަމަށާޢި އެ ސިޓީގައި ހުރި ވާހަކައިން ރައީސް ގާނޫނާ ހިލާފުވެފައިވާ އެއްވެސް ކަމެއް އެނގެން ނެތުމުން އެ ސިޓީ ފުލުހުން އަނބުރާ ނަގާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި،" އެ ސިޓީއާ ގުޅޭ ހަގީގަތް އެމްއެމްއޭ އިން ރައްޔިތުންނަށް ސާފުކޮށްދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމްއެމްއޭއިން އެދުވަސްވަރު ބުނީ ފައިނެންޝަލް އިންޓެލިޖެންސް ޔުނިޓުން ތަހުގީގީ އިދާރާތަކަށް 137 މައްސަލައެއް ހުށަހަޅާފައިވާ އިރު އެގޮތަށް ފޮނުވި އެއްވެސް ސިޓީއެއް އަދި މައްސަލައެއް ވެސް ކަމަށެވެ.