ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަންއަށް ބާރުދޭ ގޮތަށް ހުށަހެޅި ބިލާމެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

މަރުތަކާއި ހިޔާނާތްތަކުގެ މައްސަލަތައް ތަހުގީގު ކުރާ ދެ ކޮމިޝަނަށް ބާރު ދޭ ގޮތާ މެދު ރައްޔިތުން މަޖިލީހުގެ ކައުންސިލާ ޖެނަރަލް އާއި ގިނަ މެންބަރުންް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން ބިލު ފާސް ކޮށްފައި ވަނީ ބައެއް ބާރުތައް އުނިކުރުމަށް ފަހުއެވެ.
އެގޮތުން ޕީޖީ އޮފީހުގައި ވަކި އޮފީހެއް ހެދުމާއި ތަހުގީގު ތަކުގެ ޝަރީއަތް ހިންގާ ތާރީހުތައް ބަޔާންކޮށްފައި އޮންނަ މާއްދާ ވަނީ އުނިކޮށްފަ އެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލާ މެދު ވެސް ގޮތެއް ނިންމުންވެސް ހޮނިހިރު ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މީގެއިތުރުން ނާއިބު ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ގުޅޭ ބިލުގެ ފުރަތަމަ ކިޔުން ވެސް އެދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ. މި ބިލު ހުށަހަޅުއްވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.

ޖަލްސާ އެޖެންޑާ ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ 2.00 އަށެވެ.