01 Oct 2011, 19:20
އެމްޑީޕީގެ ޖަލްސާއެއްގައި ފަނޑިޔާރުންނާ ބެހޭ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އިބުރާހިމް އިސްމާއިލް (އިބުރާ) ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ރާއްޖޭގެ ފަނޑިޔާރުންގެ އަގު ވައްޓާލުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
މިއަދު ހަވީރު ޕީޕީއެމް އިން ބުނީ އިބުރާ ދެއްކެވި ވާހަކަފުޅުތަކަކީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައި، ސަރުކާރުގެ ބާރުގެ ދަށަށް އެ ދާއިރާ ގެންދަން ކުރަމުންގެންދާ މަސައްކަތްތަކުގެ އިތުރު ބޮޅެއް ކަމަށް ޕީޕީއެމް އިން ދެކޭ ކަމަށެވެ.
އިބުރާގެ ވާހަފުޅުތަކާ ބެހޭ ގޮތުން ޕީޕީއެމް އިން މިއަދު ބަޔާނެއް ވެސް ނެރުނެވެ. އެ ބަޔާނުގައި ވެއެވެ: "އޭނާގެ (އިބުރާގެ) އަމަލަކީ އަދި އޭނާގެ ވާހަކަތަކަކީ ދައުލަތުގެ އެއްބާރު ކަމުގައިވާ ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވައި ޝަރުއީ ދާއިރާ ސަރުކާރުގެ ބާރުގެ ދަށަށް ގެންދަން މި ސަރުކާރުން ކެނޑިނޭޅި ކުރަމުން ގެންދާ މަސައްކަތްތަކަށް މަހާލެވުނު އިތުރު ބޮޅެއްކަމުގައި މިޕާޓީން ދެކެމެވެ،"
ޕީޕީއެމްގެ ބަޔާން ތުހުމަތު ކުރާ ގޮތުގައި އިބްރާގެ އެ ވާހަކަތަކަކީ ސަރުކާރުން ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށް ކުރާ ކަންތައްތަކަށް މިނިވަންކަމާއިއެކު ޝަރީއަތް ހިންގިއަ ނުދިނުމަށް ސަރުކާރުން ރާވައިގެން ކުރާކަމެއް ކަމަށެވެ. އަދި ބުނަނީ ސަރުކާރުގެ ބާރުގެ ދަށަށް ޝަރުއީ ދާއިރާ ގެންދަން މަސައްކަތްކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެކަމަކީ ސީދާ ރައީސް ނަޝީދު ހިތްވަރު ދެއްވާ ކަމެއްކަމަށެވެ.
ފަނޑިޔާރުންނަށާއި ކޯޓުތަކަށް ފާޑު ވިދާޅުވެ އިބުރާ ވާހަކަފުޅު ދެއްކެވީ މިދިއަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖައްސާއެއްގަ އެވެ. އެރޭ އިބުރާ ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ބާރު، ސުޕްރީމް ކޯޓުގައިތިބި ހަތް މީހަކު ބޭނުންހާ ގޮތަކަށް މިގައުމު ނަގާ "އޮޅާލަން" ފުރުސަތު ނުދެއްވާނެ ކަމަށެވެ.
މީގެ ކުރިން ވެސް އިބުރާ ވަނީ ފަނޑިޔާރުންނަށާއި ޝަރުއީ ނިޒާމަށް ފާޑު ވިދާޅުވެ އެމްޑީޕީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވާ ފައެވެ.