13 Dec 2018, 22:25
ރާއްޖޭގައި ޓުއަރިޒަމް ފެއާ (އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް) އަންނަ އަހަރުގެ ޖޫންމަހަށް ތާވަލް ކޮށްފިއެވެ. މިއީ މި ފެއާ ބާއްވާ ދެވަނަ އަހަރެވެ.
އައިއެމްޓީއެމް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ފެއާ ކުރިއަށްގެންދާނީ އަންނަ އަހަރުގެ ޖޫންމަހުގެ 22 އަދި 23 ގައި ހުޅުމާލެ ދެވަނަ ފިޔަވަހި، ފަރުކޮޅުފުށީގައެވެ.
އައިއެމްޓީއެމް 2019 އިފްތިތާހުކޮށްދެއްވީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައިޝާދު މުހައްމަދެވެ.
މި ފެއާ އަކީ ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތައް އެއް ޕްލެޓްފޯމަކަށް ގެނެސްދޭ ބީޓޫބީ ފެއާ އެކެވެ. އެގޮތުން ދާއިރާގެ ލީޑިން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންސީތައް އަދި ޑެސްޓިނޭޝަން މެނޭޖުމެންޓް ކުންފުނިތަކުންވެސް އައިއެމްޓީއެމް ފެއާގައި ބައިވެރިވެ ރާއްޖޭގެ ރިސޯޓުތަކާއި ލިބަބޯޑްސް އަދި ގެސްޓްހައުސްތަކުގެ މައުލޫމާތު ހޯދޭނެ އިންތިޒާމު ހަމަޖެހޭނެއެވެ.
އައިއެމްޓީއެމް އިން ބުނީ މިއަހަރުގެ ފެއާގައި 50 ބަޔާސް، 25 ގައުމަކުން ރެޕްރެޒެންޓޭޓިވުން އަދި 300 ޓްރޭޑް ވިޒިޓަރުން ބައިވެރިވާނެކަމަށް އައިއެމްޓީއެމް އިން ލަފާކުރެއެވެ.
އައިއެމްޓީއެމް ފެއާ އަކީ ދިވެހި ކުންފުނިތަކަށް ރާއްޖެގައި ތިބެގެން ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ފުރުސަތު ހޯދައިދޭ ޕްލެޓްފޯމެކެވެ.
އައިއެމްޓީއެމްގެ ފުރަތަމަ ފެއާ ބޭއްވީ މިދިޔަ އަހަރު ހުދުރަންފުށީގައެވެ. އެ ފެއާގައި 32 ހޯސްޓް ބަޔާސް އާއި 19 ގައުމެއްގެ ރެޕްރެޒެންޓޭޓިވުން އަދި 127 ޓްރޭޑޤ ވިޒިޓަރުން ބައިވެރިވިއެވެ.