ރާއްޖޭގެ ރައްޔިތުންނަށް ތަކުލީފެއް އުފުލަން ޖެހޭ ފަދަ ޓެކުހެއް ތައާރަފްކުރުމުގެ ބަދަލްގައި ސަރުކާރުގެ ބޮޑެތި އިސްރާފްތައް ހުއްޓާލުން މާރަނގަޅުވާނެ ކަމަށް ބުނެ ޑީއާރްޕީން "އިންކަމް ޓެކްސް" އާ ދެކޮޅު ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވީ، އާއްމު ފަރުދުންނަށް ލިބޭ އުޖޫރައިން ނަގާ ޓެކްސް ބިލަށް އެ ޕާޓީން ދެކޮޅު ހަދާ ކަމަށެވެ.

އަދި ރާއްޖެ މިއަދު އޮތް ހާލަތަށް ބަލާއިރު ގިނަ މީހުން ވަރަށް ނިކަމެތި ހާލެއްގައި ތިބިއިރު އެފަދަ ޓެކުހެއް ނަގައިގެން ރައްޔިތުން އިތުރަށް ނިކަމެތިވެގެން ދާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި އެކަމާ ދެކޮޅަށް "އިންކަމް ޓެކްސް ނަގައިގެން ފައިދާއެއް ނެތް" މިނަމުގައި ކެމްޕެއިނެއް މިއަދު ފަށާފައިވާ ކަން ވެސް ތަސްމީން އިއުލާންކުރެއްވި އެވެ.

އެ ކެމްޕޭނުގެ ދަށުން ޕޯސްޓަރާއި ލުއިފޮތް ބޭނުންކޮށްގެން އިންކަމް ޓެކްސްގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައުލޫމާތު އެކިކަންކޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ، ރާއްޖޭގެ ޙާލަތަށްބަލާ އިރު އިންކަމް ޓެކްސް ނެގޭވަރުގެ ފޯރުންތެރިކަމެއް ލިބިފައިވާ އާބާދީއަކީ ނިސްބަތުން މަދު ބައެއް ކަމަށެވެ. އަދި އެފަރާތްތަކަކީ ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުން އަންނަ ފަރާތްތައް ކަމަށެވެ. އެހެންކަމުން، އެފަދަ ފަރާތްތަކެއްގެ އަތުން ގިނައަދަދެއްގެ ޓެކުސް ނެގުމުން ވަޒީފާގެ ފުރުސަތުތައް ހަނިވެ، މުވައްޒަފުންގެ މުސާރަދަށް ވުމަކީ އެކަށީގެން ވާކަމެއްކަމުގައި ވެސް ޑީއާރްޕީގެ ލީޑަރު ވިދާޅުވި އެވެ.

"އިންކަމް ޓެކުސްއިން 2012 ވަނަ އަހަރު ސަރުކާރަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމްލަ އާމްދަނީއަކީ 300 މިލިއަން ރުފިޔާ. އެއީ އުފެއްދުންތެރިކަމުގެ 1.4 އިންސައްތަކަމުން އެއަށްވުރެ ބޮޑު އަދަދެއް ނެގޭނެ ފަންވަރު އިގްތިސާދުގައި ނެތުމުން 2015 ވަނަ އަހަރު އިންކަމް ޓެކުސްގެ ގޮތުގައި ލިބޭނީ 475 މިލިއަން ރުފިޔާ. އެއީ ޖީޑީޕީގެ އެންމެ ދޭއް އިންސައްތަ. އެހެންކަމުން ރާއްޖޭގެ ރައްޔިތުންނަށް ތަކުލީފެއް އުފުލަން ޖެހޭ ފަދަ ޓެކުހެއް ތައާރަފްކުރުމުގެ ބަދަލުގައި ސަރުކާރުގެ ބޮޑެތި އިސްރާފްތައް ހުއްޓާލުން މާރަނގަޅުވާނެ." ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ އިންކަމް ޓެކްސްއާ ދެކޮޅަށް އިދިކޮޅު ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މަޖިލީހުގައި އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކޮށްފި ނަމަ އެކަން ކާމިޔާބުވުމަކީ ނުވާނެ ކަމެއް ކަމަށް ގަބޫލް ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އިންކަމް ޓެކުސްގެ ގޮތުގައި އާއްމުފަރުދުންގެ އަތުން ޓެކުސް ނެގުމަށް ހަމަޖެހިފައި ވަނި އާމްދަނިގެ ގޮތުގައި 30،000ރ. އަށް ވުރެ އިތުރަށް ފައިސާ ލިބޭ ފަރާތްތަކުންނެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Thasmeen (mp3)