އިމިގްރޭޝަނާއި މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް އެގްރިމެންޓުގައިވާ ގޮތަށް އިމިގްރޭޝަނުން ކުރިއަށް ނުގެންދާ މައްސަލާގައި ނެކްސްބިޒްގެ ލޯޔަރުން އިމިގްރޭޝަނަށް ލީގަލް ނޯޓިސް ފޮނުވައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އިމިގްރޭޝަން ކޮންޓްރޯލަރު އަބްދުﷲ ޝާހިދަށް އެ ނޯޓިސް ފޮނުވާފައި ވަނީ، ނެކްސްބިޒް އިން އައްޔަންކޮށްފައިވާ ސިންގަޕޫރުގެ ލޯ ފާމް، ވޮންގް އެންޑް ލިމް އެވެ.

އެ ނޯޓިސްގައި ބުނަނީ، އިމިގްރޭޝަނުން އެގްރިމެންޓަށް އަމަލުނުކޮށް، އަދި މިހާތަނަށް ނެކްސްބިޒްއާ ބައްދަލުކުރަން ދެކޮޅު ހަދާފައިވާތީ، އިމިގްރޭޝަނުން އެގްރިމެންޓާ ހިލާފުވެފައިވާ ކަމަށް ބެލެވޭނެ ޖާގަ އެބަ އޮތް ކަމަށެވެ.

އަދި އެ މައްސަލަތަކަށް ދެ ފަރާތަށް ވެސް އެއްބަސްވެވޭ ރަނގަޅު ހައްލެއް ހޯދުމަށް އެ ނޯޓިސް ފޮނުވި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭ ބައްދަލުކުރަން އިމިގްރޭޝަނަށް ވަނީ ފުރުސަތު ދީފަ އެވެ. އެ މުއްދަތުގެ ތެރޭ ބައްދަލުވުން ބާއްވާނެ ތާރީހަކާއި ތަނެއް އިމިގްރޭޝަނުން ނާންގައިފި ނަމަ، އެގްރިމެންޓަށް އަމަލުކުރުން އިމިގްރޭޝަންގެ މައްޗަށް ލާޒިމް ކުރުމަށް އާބިޓްރޭޝަނަކަށް ދިޔުން ނުވަތަ ކޯޓަށް މައްސަލަ ހުށަހެޅުން ނޫން އިތުރު ގޮތެއް ނޯންނާނެ ކަމަށް ވެސް އެ ނޯޓިސްގައި ބުނެފައިވެ އެވެ. އެ މުއްދަތު ހަމަވާނީ އޮކްޓޯބަރު 26 ގަ އެވެ.

ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓުގެ އެގްރިމެންޓުގައިވާ ގޮތުގައި، އާބިޓްރޭޝަން ކުރިއަށްގެންދަން ޖެހެނީ ސިންގަޕޫރުގަ އެވެ.

އެޕްރޮޖެކްޓް އިސްލާހުކޮށްގެން ކުރިއަށްގެންދަން ހޯމް މިނިސްޓްރީން މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު އިމިގްރޭޝަނަށް އަންގާފައިވާކަމާއި އަދި އެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަދީފައިވާކަން ރައީސް އޮފީހުން އެކުންފުންޏަށް ކަށަވަރުކޮށްދީފައިވާ ކަން އެ ލީގަލް ނޯޓިސްގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، ތަފާތު ފަހަރުމަތިން ޕްރޮޖެކްޓާ ގުޅޭ ގޮތުން ބައްދަލުކުރަން އެދުމުން ވެސް ކޮންޓްރޯލަރު އެފުރުސަތު ނުދެއްވި ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮންޓްރޯލަރުގެ ބަހެއް ވަނީ މިކަމާ ގުޅޭ ގޮތުން ލިބޭ ގޮތެއް ނުވެފަ އެވެ. ސަން އިން ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. އަދި އެސްއެމްއެސްއަށް ޖަވާބެއް ވެސް ނުދެއްވަ އެވެ. ބޯޑާ ކޮންޓްރޯލް އެގްރިމެންޓާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި އަދި އެއަށް ވުރެ އަގުހެޔޮކޮށް އެ މަސައްކަތް ކުރެވޭނެ ކަމަށް ޝާހިދު ވަނީ މީޑިއާގައި ވިދާޅުވެފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، އެ ޕްރޮޖެކްޓަށް ބިޑުކޮށް، ނުހޮވުނު ބައެއް ފަރާތްތަކާ ޝާހިދު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.

ކުރީގެ ކޮންޓްރޯލަރު އިލްޔާސް ހެސެއިން އިބްރާހިމް މަގާމުގައި ހުންނެވި އިރު ނެކްސްބިޒް އާ ހަވާލުކުރި ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓުވިފައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭ އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން އެ ޕްރޮޖެކްޓާ މެދު ކޮރަޕްޝަނުގެ ތުހުމަތުތަކެއްކޮށް، އަލުން ބިޑު ކުރަން ނުވަތަ ކެބިނެޓުން ނިންމާ ގޮތަކަށް އެކަން ކުރިއަށް ގެންދިއުމަށް އެންގުމުންނެވެ. ކެބިނެޓުން އެ ޕްރޮޖެކްޓްގެ އެގްރިމެންޓް އިސްލާހުކޮށްގެން ކުރިއަށް ގެންދަން ހުއްދަ ދިން ނަމަވެސް، އިމިގްރޭޝަނުން އެ މަސައްކަތް ކުރިއަށް ނުގެންދެ އެވެ.

ނެކްސްބިޒް އިން ބުނެފައިވަނީ މަސައްކަތް ކުރިއަށް ނުގޮަސް އޮތުމުގެ ސަބަބުންނާއި ކޮރަޕްޝަނުގެ ތުހުމަތުތަކުގެ ސަބަބުން އެކުންފުންޏަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުންވެފައިވާ ކަމަށެވެ. އެގްރިމެންޓުގައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންގޮސްފިނަމަ އެ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެ ކަމަށް ނެކްޒްބިޒް އިން ވަނީ ބުނެފަ އެވެ.