14:30


ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭޑިޔޯ ޚިޠާބު ދެއްވަން ފެށްޓެވިތާ މާދަމާ އެއްއަހަރު ފުރޭއިރު، ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ ކޮންމެ ހުކުރު ދުވަހަކު އެ ޕްރޮގްރާމް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހެއްގައި އެމަނިކުފާނު ދެއްވާ ރޭޑިއޯ ހިތާބުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އޮސްޓްރޭލިއާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެއްގައި ހުންނަވައިގެން ރައީސް ނަޝީދު މިއަދުގެ ރޭޑިއޯ އެޑްރެސްގައި ދެއްކެވި ވާހަކަފުޅުގައި މާދަމާ އަކީ އެމަނިކުފާނު ރޭޑިއޯ މެދުވެރިކުރައްވާ ރާއްޖޭގެ ރައްޔިތުންނާ ބައްދަލުކުރައްވާތާ އެއް އަހަރު ފުރޭ ދުވަސް ކަމުގައި ވިދާޅުވި އެވެ. އަދި ރޭޑިއޯ މެދުވެރިކުރައްވާ އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ވަކި ޕާޓީއެއްގެ، ވަކި ޖަމާޢަތެއްގެ، ވަކި އަތޮޅެއްގެ، ވަކި ފިކުރެއްގެ، ވަކި ފަލްސަފާއެއްގެ ބަޔަކާ ނޫން ކަމަށާއި، އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނާ ކަމުގައި ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރޭޑިޔޯއަކީ ރާއްޖޭގެ ރައްޔިތުން، މަޢުލޫމާތު ލިބިގަތުމަށާއި، މުނިފޫހިފިލުވުމަށްވެސް އެންމެ މަޤްބޫލުކަން ލިބިފައިވާ އެއް ޒަރީޢާ ކަމުގައި ވިދާޅުވި އެވެ. އަދި އެކިއެކި ރޭޑިޔޯ ސްޓޭޝަންތައް މެދުވެރިކޮށް، ރައްޔިތުން ޚިޔާލުފާޅުކުރަމުން ގެންދާ ކަމަށާއި، އެއީ ސަރުކާރުން ވަރަށް އެދޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ހިފެހެއްޓުމެއް ނެތް ގޮތުގައި، ރައްޔިތުންގެ ޝުޢޫރުތައް ހާމަކުރައްވަމުން ގެންދެވުމަކީ، ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް އެހީދޭ މިންވަރު، އެތައް ތަނެއް އިތުރުކޮށްދޭނެ ކަމަށް އޮސްޓްރޭލިޔާ ސަރުކާރުން ވަޢުދުވެވަޑައިގެންފައިވާ ކަމުގައި ވިދާޅުވި އެވެ. އަދި މިހާރު އެމަނިކުފާނު އޮސްޓްރޭލިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އޮސްޓްރޭލިޔާ ސަރުކާރުގެ ރަސްމީ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.